އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބޮޑު މޮޅެއް ހޯދި އިރު، ޗެލްސީން ކްރިސްޓަލް ޕެލެސްއާ އެއްވަރު ވެއްޖެއެވެ.
ލިވަޕޫލުން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޔުނަިއޓެޑް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން އާ ކޯޗު އާނޭ ސްލޮޓާ އެކު މި ސީޒަނަށް ނުކުމެ، މިހާތަނަށް ލީގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެއީ ކޮޅަށް ގޯލަށްވެސް ނުވައްދައެވެ. ތިން މެޗުން ތިން ކްލީންޝީޓް އެޓީމުން ވަނީ ހޯދައިފައެވެ.
މިރޭގެ މެޗު ޔުނައިޓެޑުން ރަނގަޅު ޓެމްޕޯއެއްގައި ފެށި ނަމަވެސް، ހާފުގެ 20 ވަރަކަށް މިނެޓް ދިޔަތަނުން ލިވަޕޫލުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ހާއްސަކޮށް އެޓީމުގެ މެދުތެރެއިން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށުމާ އެކު ޔުނައިޓެޑަށް ވަނީ އުނދަގޫތަކާ ދިމާވެފައެވެ. ޔުނައިޓެޑްގެ މެދުތެރެއިން ކަސެމީރޯ އަތުން ގެއްލުނު ބޯޅައެއްގެ ބޭނުން ހިފައި، މުހައްމަދު ސަލާހް ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލީ ލުއިސް ޑިއާޒެވެ.
ޔުނައިޓެޑަށް އަލަށް ސޮއިކުރި މެނުއަލް އުގާޓޭ އާއި ލިވަޕޫލަށް އަލަށް ސޮއިކުރި ފެޑެރީކޯ ކިއޭސާ މިރޭގެ މެޗު ސްކޮޑުގައި ހިމެނިފައި ނުވާ އިރު، ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ދެވަނަ ގޯލެއް ޖެހީވެސް ޔުނައިޓެޑް މެދުތެރެއިން ކަސެމީރޯ އަތުން ގެއްލުނު ބޯޅައެއްގައެވެ. އެ ގޯލުވެސް ޖެހީ ޑިއާޒެވެ. ހުރަސްކުރީ ސަލާހެވެ.
ލިވަޕޫލުން ދެވަނަ ހާފުގައިވެސް ފުލް ކޮންޓްރޯލްގައި މެޗު ކުޅެ، ތިން ޕޮއިންޓް ޔަގީންކުރީ ސަލާހްގެ ގޯލަކާ އެކު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރިން ޗެލްސީ އާއި ކްރިސްޓަލް ޕެލެސް، ޗެލްސީ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވީ 1-1 އިންނެވެ. ޗެލްސީން ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާތަކެއް އުފައްދައިގެން ކުޅުނު ކައުންޓާގައި އެޓީމުން ލީޑުނެގިއެވެ. އެ ގޯލު ޖެހީ ނިކޮލަސް ޖެކްސަންއެވެ.
ދެވަނަ ހާފަށް ނުކުމެ ޕެލެސްއިން ރަނގަޅަށް ފެށި އިރު، ހާފުގެ ކުރީކޮޅުގައި އެބެރެޗީ އެޒޭ ވަނީ ހިތްގައިމު ގޯލެއް ޖަހައި މެޗު އެއްވަރު ކޮށްފައެވެ. އޭގެފަހުން ވެސް ޕެލެސްއިން ފުރުސަތުތައް ތަނަވަސް ކުރި ނަމަވެސް، އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ޗެލްސީން މެޗު ނިމެން ދަނިކޮށް ފުލުފުލުގައި ހަމަލާތައް އުފެއްދި އިރު، ޖެކްސަން އާއި ކޯލް ޕާމާގެ ހަމަލާތައް ވަނީ ބޭކާރުވެގެން ގޮސްފައެވެ.
މިރޭ ލީގުގައި ޓޮޓެންހަމް އާއި ނިއުކާސަލް ވާދަކުރި މެޗު، ނިއުކާސަލްއިން ކާމިޔާބުކުރީ 2-1 އިންނެވެ. އެމެޗުގައި ނިއުކާސަލްގެ ދެ ގޯލު ޖެހީ ހާވީ ބާންސް އާއި އެލެކްސެންޑާ އިސާކެވެ. ޓޮޓެންހަމްގެ ގޯލަކީ ޑެން ބާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު