ނޭޕާލްގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ކަޓައިފިއެވެ.
ސާފް 20 އަހަރުން ދަށު މުބާރާތުގެ މިދިޔަ ދެ އަހަރާއި 2019 ވަނަ އަހަރުގެ ވެސް ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާ އެކު ރާއްޖެ ހިމެނޭ ގްރޫޕް ބީގެ އެއްވަނަ އިންޑިއާއަށް ލިބުނު އިރު، ބޫޓާނުން ވަނީ ދެވަނައިގައި ސެމީއަށް ގޮސްފައެވެ. ބޫޓާން ސެމީއަށް ދިޔައީ އެ ޓީމުން ރާއްޖެ ކައިރިން 2-1 އިން މޮޅުވެފައި އޮތުމުންނެވެ.
މެޗުގެ ފުރަތަމަ ކޮޅުން ފެށިގެން ރާއްޖެ ކޮޅަށް ނުރައްކާކޮށް، މެޗު ބޮޑަށް ކޮންޓްރޯލް ކުރަމުން ދިޔައީ އިންޑިއާއިންނެވެ. އެޓީމުން މެޗު ޑޮމިނޭޓް ކޮށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައިވެސް ގޯލެއް ޖަހަން އުނދަގޫތަކާ ކުރިމަތިވިއެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާ ހިލާފަށް މިއަދުގެ މެޗުގައި ރާއްޖެއިން ޑިފެންސް ރަނގަޅުކޮށް، ފަހަތުން ހުސްވާ ޖާގަތަކަށް ސަމާލުވިތަން ފެނިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ރާއްޖެއަށް ނުރައްކާތެރި ހަމަލާއެއް އުފައްދަން އިންޑިއާއިން ފުރުސަތެއް ނުދެއެވެ.
އިންޑިއާއިން ފުރަތަމަ ހާފުގައި ހަމަލާތައް އުފެއްދި އިރު، އެ ޓީމުގެ ކުރިއަށް ކުޅޭ މޮނީރުލް މޮއްލާ އާއި ނައޯބާ މެއިޓޭ ޕަންގަމްބަމްގެ ހަމަލާތައް ފާހަގަކުރެވުނެވެ. އެ ހަމަލާތަކުގެ ހުރަކަށްވީ ރާއްޖޭގެ ޑިފެންސާއި ގޯލްކީޕަރު މުހައްމަދު ޔާމީނެވެ.
ދެވަނަ ހާފުގައިވެސް އިންޑިއާއިން ޑޮމިނޭޓްކޮށް، ހަމަލާތައްވެސް އުފެއްދިއެވެ. އަރިމަތިން ނައޯބާގެ ހަމަލާތައް ނުރައްކާކޮށް ފެނުނު އިރު، ބެންޗުން އެރި ގްވަގްމްސަރު ގޮޔަރީގެ ހަމަލާތައްވެސް ފެނުނެވެ. ދެވަނަ ހާފުގައިވެސް ރާއްޖޭގެ ގޯލްކީޕަރު ޔާމީންގެ މަސައްކަތް ފުރިހަމަކޮށް ފެނުނު އިރު، ރާއްޖެއިން ވެސް ވަނީ މަދުމަދުން ހަމަލާތައް ތަނަވަސްކޮށް، އިންޑިއާއަށް ނުރައްކާ ކޮށްފައެވެ.
ހިލޭ ޖެހުމެއްގައި ރާއްޖޭގެ ޝަނާން ރަޝާދު ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ. އަދި އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި މުޒްދާން ހަސަން ފޮނުވާލި ހަމަލާ އަމާޒުވީ ބޭރުން އަރިމަތީ ދާގަނޑަށެވެ.
މެޗުގެ ފަހުކޮޅުގައި ރާއްޖެއަށް ގޯލެއް ޖަހައި އިންޑިއާ ބަލިކޮށްގެން ސެމީއަށް ދާން ފުރުސަތު އޮތުމުން، މެޗު ފޯރިގަދަކޮށް ފެނިގެން ގޮސް، އިންޑިއާ ލީޑު ނެގީ އިތުރު ވަގުތުގައެވެ. އިންޑިއާގެ އެ ގޯލު، ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ މަންގްލެތަންގް ކިޕްގެންއެވެ.
މިއާއެކު ރާއްޖެ ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް ބަލިވެ، ކަޓައިގެން ގޮސްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް