ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން ބަލިވިބަލިވުމުން ފެންނަނީ ރާއްޖޭގެ ޔޫތު ޑެވަލޮޕްމަންޓްގައި ހުރި ފަރަގު ކަމަށާއި އެއީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުގައި ބޫޓާން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ބައްޔާ އެކު ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗުގައި އިންޑިއާ ބަލިކޮށްގެން ނޫނީ ދެން ރާއްޖެއަށް ސެމީ ފައިނަލަށް ނުދެވޭނެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގްރީޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާ އާއި ބޫޓާނެވެ. އިންޑިއާއަކީ ސާފް 20 އަހަރުން ދަށު މުބާރާތުގެ މިދިޔަ ދެ އަހަރާއި 2019 ވަނަ އަހަރުގެ ވެސް ޗެމްޕިއަން ޓީމެވެ. ރާއްޖެއަށް 2019 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދުނު ނަމަވެސް، އިތުރު ކާމިޔާބީއަކާ ހަމައަށް ދެވޭ ގޮތެއް އަދި ނުވެއެވެ. އަނެއްކޮޅުން ރާއްޖެއަށްވުރެ ތާރީހީ ގޮތުން ދަށް ހަމައެކަނި ގައުމަކީ ބޫޓާނެވެ. އެ ޓީމަށް އަދި މުބާރާތުގައި ތިންވަނަ ވެސް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ރަނގަޅު ޔޫތު ސިސްޓަމަކާ އެކު ބޫޓާނަކީ މި ސަރަހައްދުގައި އެންމެ ކުރިއަރަމުންދާ އެއް ޓީމެވެ.

"ފުރަތަމަވެސް ބޫޓާނަށް ޝުކުރު އަދާކުރަން ބޭނުންވަނީ. މިއަދުގެ މެޗަކީ އަހަރެމެންނަށް ވަރަށް ބަދުނަސީބު މެޗެއް. ރާއްޖޭ ޓީމުގެ ނަސީބު ނެތީ. ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ގޯލު ޖަހަން. އެހެންވިޔަސް ގޯލެއް ނުޖެހިގެން ދިޔައީ. އަދި ޓީމަށް ހެދުނު ފަސޭހަ ގޯސްތަކެއްގެ ސަބަބުން ބޫޓާނަށް މެޗުން މޮޅުވާން ފުރުސަތު ލިބުނު. އެހެންވިޔަސް ބޫޓާނަށް މޮޅު ހައްގު. ބޫޓާން މިއަދުގެ މެޗުގައި މޮޅަށް ކުޅުނީވެސް،" ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެ ބުނީ ދެން އޮތް ހަމައެކަނި އުންމީދަކީ އިންޑިއާ ބަލިކުރުން ކަމަށެވެ. އެހެން ނަމަވެސް، ރާއްޖެއަށްވުރެ ހުރިހާ ގޮތަކުންވެސް އިންޑިއާ ވަރުގަދަ ކަމަށް ޝާކިއްޓެ ފާހަގަކުރިއެވެ. އަދި އެއީ ކުރަން އުނދަގޫ ކަމެއް ނަމަވެސް އިންޑިއާ ބަލިކުރަން ޓީމުން ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް ޝާކިއްޓެ ފާހަގަކުރިއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު އެއް ޔޫތު ކޯޗު ޝާކިއްޓެ ބުނީ މިއަދުގެ މެޗުގައި ބޫޓާންގެ ޓެކްޓިކަލް ޑިސިޕްލިން ރާއްޖެއަށްވުރެ ވަރުގަދަ ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ބޫޓާން އަހަރެމެންނަށްވުރެ ޓެކްޓިކަލީ ރަނގަޅު. ރަތް ކާޑެއް ދެއްކިޔަސް ބޫޓާނުން ޓެކްޓިކަލް ޑިސިޕްލިން ގެއްލުވާނުލައި ކުޅުނު. އަދި ރަނގަޅަށް ޕްރެސްކޮށްގެން އަހަރެމެން ޓީމަށް އޯވާލޮޑްވާ ގޮތަށް ޕްރެސް ކުރި. އެހެންވެ އަހަރެމެންނަށް މައްސަލަތައް ދިމާވި،" ކޯޗު ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެއާ ނޭޕާލްގެ ބައެއް ނޫސްވެރިން ވަނީ އިތުރު ސުވާލުތަކެއް ވެސް މިއަދު ކުރިމަތިކުރުވައިފައެވެ. މީގެ ކުރިން ރާއްޖެއަކީ ފުޓުބޯޅައިގައި ނޭޕާލާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާނަށްވުރެ ވެސް ވަރުގަދަ ގައުމެއްގެ ގޮތުގައި އެ ނޫސްވެރިން ސިފަކޮށްފައިވެއެވެ. އަދި މިހާރަކަށް އައިސް ރާއްޖޭގެ ފުޓުބޯޅަ އެންމެ މަތިން ފެށިގެން ޔޫތު ލެވެލްއާ ހަމައަށް އެގައުމުތަކަށްވުރެ ދަށުގައި އޮންނަ ސަބަބަކީ ކޮބައިތޯ ބައެއް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުތަކުގެ ޖަވާބެއްގެ ގޮތުގައި މައިގަނޑުކޮށް ކޯޗު ޝާކިއްޓެ ބުނީ، އެއީ ރާއްޖޭގެ ފުޓުބޯޅައިގެ މިވަގުތުގެ ހާލަތު ކަމަށާއި ޒުވާން ކުޅުންތެރިންނަށް ދާއިމީކޮށް ވާދަވެރި މުބާރާތްތަކުގައި ކުޅެވޭނެ އިންތިޒާމެއް ޔޫތު ޑެވަލޮޕްމެންޓް ސިސްޓަމުގައި ނެތް ކަމަށެވެ.

"އަހަރެމެންގެ ޔޫތު ޑެވަލޮޕްމަންޓް ސިސްޓަމުގެ މައްސަލައެއް މި ފެންނަނީ. އަހަރެމެންގެ ޒުވާން ކުޅުންތެރިންނަށް ދެމިގެންދާނެ ގޮތެއްގައި އަހަރު ތެރޭގައި ކުޅެވޭނެ މާހައުލެއް ނެތް. އަހަރެމެންގެ ފުޓުބޯޅަ ހާލަތު ތިހުރިހާ އެންމެންނަށްވެސް އެނގޭނެ. ރާއްޖޭގައި ލީގު މެޗެއް ނުކުޅޭތާ މިހާރު ވަނީ އެއް އަހަރުވެފައި. އަހަރެމެން މި މުބާރާތަށް ނުކުތީ 19 އަހަރުން ދަށުގެ މުބާރާތުން ޓީމެއް ނަގައިގެން ދޮޅު މަސް ދުވަހު ފަރިތަކޮށްފައި. އެހެން ގައުމުތަކުން ޒުވާން ކުޅުންތެރިން އުފައްދަން މާ ބޮޑު އެފޮޓެއް ލާ، އަދި މާ ބޮޑެތި ހަރަދުތައްވެސް އެބަކުރޭ. ގަބޫލުކުރެވެނީ ޔޫތު ލެވެލްގައި ރާއްޖެ އެހެން ގައުމުތަކުގެ ފަހަތަށް ޖެހުމުގެ އެއް ސަބަބީ އެއީ ކަމަށް،" ޝާކިއްޓެ މިއަދު ޕޯސްޓް މެޗުގައި ބުންޏެވެ.

ރާއްޖޭގެ އެފްއޭއެމް މިވަގުތު ނޯމަލައިޒޭޝަން ކޮމިޓީއަކާ ފީފާއިން ހަވާލުކޮށްފައި އޮތް އިރު، މިދިޔަ ހިންގާ ކޮމިޓީން ވެފައިވާ އިހުމާލުތަކުގެ މައްސަލަތައް ދަނީވެސް ބަލަމުންނެވެ. އެގޮތުން ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއޭއެމްގެ ތެރެއިން އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާގެ އެކްސްކޯއިން ހިންގި ކަމަށް ތުހުމަތުކޮށް، އޭސީސީންވެސް ދަނީ އެ މައްސަލަތައް ބަލަމުންނެވެ. ބައްސާމްގެ މައްޗަށް ދައުވާވެސް ޕީޖީން އުފުލާފައިވާ އިރު، ފީފާއިން ވަނީ އޭނާ ފުޓުބޯޅައިން ސަސްޕެންޑްވެސް ކޮށްފައެވެ.