ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އެންގިއިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް ރައީސް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ވަނީ ނިންމާފައިވެއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި އަލުން ބެލުމަށް ތަހުވީލުކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު އިސްލާހު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރައިރުންވާ ކަމަށެވެ.

މި ސަބަބައްޓަކައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، މި ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މިމަހުގެ 24 ވަނަ ދުވަހު ދުވަހު އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ، ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މިހާރު އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.