ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު"އަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު.ޖީއޯވީ.އެމްވީ" ގައި މިދިޔަ ބުދަ ދުވަހު ހޯމް މިނިސްޓްރީން ޝާއިއުކުރި ލިޔުމެއްގައި ބުނީ "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" އަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓް ބިލު އެ މިނިސްޓްރީގެ ފަރާތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" ގައި މިހާރުވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 1،000،000 (އެއް މިލިއަން) ރުފިޔާއާއި 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ހޯމް މިނިސްޓްރީން ތައްޔާރުކޮށް އޭޖީ އޮފީހަށް ފޮނުވި ޑްރާފްޓު ބިލުގައި ވަނީ އެ އަދަބު މަރުގެ އަދަބަށް ބަދަލު ކުރާ ގޮތަށެވެ. އޭޖީ އޮފީހަށް ފޮނުވި ޑްރާފްޓު ބިލުގައި ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ ޖަދުވަލު 1ގައި ބަޔާންކޮށްފައިވާ 139 މަސްތުވާތަކެތީގެ ބާވަތުގެ ތެރެއިން ބާވަތެއް، 500 ގްރާމަށްވުރެ ގިނައިން ރާއްޖެއަށް އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގޮތަށެވެ.

"ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަރުގެ މައްސަލަތައް ފިޔަވައި އިތުރު މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ..،" ހޯމް މިނިސްޓްރީން ބުންޏެވެ.

"އެހެންކަމުން މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން ކަނޑައަޅާ ފުރަތަމަ ފަހަރުވެސްމެއެވެ..،"

މީގެ އިތުރުން ޑްރާފްޓު ބިލުގައި ހޯމް މިނިސްޓްރީން ވަނީ ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމަށާއި ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ.

އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރާ ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީ ވެސް ޓްރެފިކްކުރުން ކަމަށް ޑްރާފްޓުގައި ވަނީ ހިމަނައިފައެވެ.