މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުނު ދެވަނަ މެޗުގައި ފަސޭހަކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ބަލިކުރި އިރު, ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވެސް މޮޅުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވޮލީ ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި މި އަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށްދާ ގޮތަށް މުބާރާތް ރާވާފައިވާ އިރު، ދެން ފައިނަލަށް ދާނީ ދެވަނައާއި ތިންވަނަ ޓީމު ކުރިމަތިލާ ސެމީ ފައިނަލް މެޗަން މޮޅުވާ ޓީމެވެ.

މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.

އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުގައި ސްޓެލްކޯ ބަލިކޮށްފައި އޮތް އިރު، ރޭގެ މެޗުގައި ވެމްކޯ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޗްޑީސީ އިން ގެންދިޔައީ 25-11, 25-17 އަދި 25-14 އިންނެވެ.

ޕޮލްކޯއިން ރޭ އެމްއެންޑީއެފްއާ ދެކޮޅަށް ނުކުމެ ވަރުގަދަ ވާދައެއް ކުރިއެވެ. އެހެން ނަމަވެސް ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައިވާ ސިފައިން ރޭގެ މެޗު ކާމިޔާބުކުރީ 3-2 ސެޓުގެ ނަތީޖާއަކުންނެވެ.

އެމްއެންޑީއެފްއިން ރޭގެ މެޗުގެ ފުރަތަމަ ސެޓު، 25-21 އިން ގެންގޮސްފައިވާ އިރު، ޕޮލްކޯއިން ދެވަނަ ސެޓު ގެންދިޔައީ 25-23 އިންނެވެ. އޭގެފަހުން ދެން ޖެހިގެން އައި ސެޓުވެސް ޕޮލްކޯއިން ގެންދިޔައެވެ. އެ ސެޓު ޕޮލްކޯއިން ގެންދިޔައީ 25-19 އިންނެވެ. އެ ސެޓު ޕޮލްކޯއިން ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ދެ ސެޓުގައި އެމްއެންޑީއެފްއިން ކުޅުން ރަނގަޅުކުރިއެވެ.

މެޗުގެ ހަތަރުވަނަ ސެޓު، 25-21 އިން ގެންގޮސް، ޓައި ބްރޭކް ސެޓު، އެޓީމުން ވަނީ 15-12 އިން ގެންގޮސްފައެވެ.