ބަޔާން މިއުނިކްގެ ދެ ޑިފެންޑަރުން ކަމަށްވާ މަތައިސް ޑެ ލިޓާއި ނޫސައީރު މަޒްރޫއީ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން ހުރިހާ ކަމެއް ނިންމައިފިއެވެ.
ޔުނައިޓެޑުން ސްކޮޑު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ޑެ ލިޓް ގެންދަން ބަޔާނާއެކު އެއްބަސްވެފައިވާ އަގަކީ 38.6 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ އިތުރުން ބޯނަސްގެ ގޮތުގައި 4.3 މިލިއަން ޕައުންޑްގެ އަގެކެވެ. ޔުނައިޓެޑްގެ މިހާރު ކޯޗު، އެރިކް ޓެން ހާގަކީ ޑެ ލިޓާ ގާތް ކޯޗެކެވެ. 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަޔެކްސްއާއެކު ޓެން ހާގު ދިޔަ އިރު، އެޓީމުގެ ކެޕްޓަނަކީ ޑެ ލިޓެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މޮރޮކޯގެ ހަލުވި ޑިފެންޑަރު މަޒްރޫއީ ގެންދަން ބަޔާނުން އެއްބަސްވެފައިވާ އަގަކީ 12.9 މިލިއަން ޕައުންޑްގެ އަގެކެވެ. އެހެން ނަމަވެސް އެ އަގަށް އަދި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ޔުނައިޓެޑުން މަޒްރޫއީ ގެންދާނެކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެފައިވާ އިރު، އެޓީމުގެ ފަހަތަށް ކުޅޭ އެރޮން ވެން ބިސާކާ، ވެސްޓް ހަމްއަށް ވިއްކާލަން މިހާރު ވަނީ އެއްބަސްވެފައެވެ. ބިސާކާއަކީ ޔުނައިޓެޑުން 2019 ވަނަ އަހަރު ކްރިސްޓަލް ޕެލެސްއިން 50 މިލިއަން ޕައުންޑަށް ގެންދިޔަ ޑިފެންޑަރެކެވެ.
ޔުނައިޓެޑުން ޑެ ލިޓް ގެންދިޔައީ އެވަޓަންގެ އިންގްލެންޑް ޑިފެންޑަރު ޖަރަޑް ބްރަންތުވައިޓް ހޯދަން މި ޓްރާންސްފާ ސީޒަނުގެ ކުރީކޮޅުގައި ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. އޭނާ ހޯދަން ޔުނައިޓެޑުން ކުރި ދެ ބިޑަށްވެސް އެވަޓަންއިން ވަނީ ނޫނެކޭ ބުނެފައެވެ.
ޔުނައިޓެޑުން ޑެ ލިޓް ގެންދަން ނިންމާފައި ވަނީ ބްރަންތުވައިޓަށް އެވަޓަންއިން 70 މިލިއަން ޕައުންޑްގެ އަގެއް ކިޔުމުން، އެ އަގު މާ ބޮޑަށްވެސް ބޮޑުވުމުންނެވެ.
ޔުނައިޓެޑްގެ އާ ވެރިން ކްލަބުގެ ފުޓުބޯޅަ ޑީލްތަކާ ހަވާލުވެ، ޓްރާންސްފާ މާކެޓްގައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި އެޓީމުން އަދިވެސް ދަނީ އިތުރު ކުޅުންތެރިންތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް