ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓްގެ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ.

ބްރެޒިލުން ރޭ ފައިނަލަށް ދަތުރު ކުރީ މިވަގުތު އަންހެން ވޯލްޑް ޗެމްޕިއަން ސްޕެއިން ބަލިކޮށްގެންނެވެ. ފްރާންސްގެ އޮރާންޖޭ ވެލެޑްރޯމޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ބްރެޒިލުން 4-2 އިން ކާމިޔާބުކުރި އިރު، މިފަހަރުގެ ފައިނަލުގައި ބްރެޒިލުން ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އެ ދެޓީމަކީ 2008 ވަނަ އަހަރު އޮލިމްޕިކްސް ފައިނަލުގައިވެސް ވާދަކުރި ދެޓީމެވެ.

މިފަހަރުގެ އޮލިމްޕިކްސް އަންހެން ފުޓުބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ސްޕެއިނަށް ރޭ ބްރެޒިލް ހިފަހައްޓަން އެތައް ގޮތަކުން އުނދަގޫވިއެވެ. މެޗު ފެށިގެން މާ ގިނައިރެއް ނުވެ، އިރޭނޭ ޕަރަޑޭސް އަތުން ބައިކޮޅަށް ވަން ގޯލާއެކު ބްރެޒިލަށް ހިތްވަރު ލިބި، ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. އެއީ ގަބީ ޕޯޓީލޯ ޖެހި ގޯލެކެވެ.

މިފަހަރުގެ އޮލިމްޕިކްސްއަށް ބްރެޒިލުން ދިޔައީ އެޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ގައުމީ ޓީމުގެ ލެޖެންޑް، އުމުރުން 38 އަހަރުގެ މާޓާއާއެކުގައެވެ. މިއީ އޭނާގެ ކެރިއަރުގައި ބްރެޒިލަށް ފަހު މުބާރާތްވެސް މެއެވެ. ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި މާޓާއަށް ދެއްކި ރަތް ކާޑާއެކު ރޭގެ ސެމީގައި އޭނާ ކުޅެފައެއް ނުވެއެވެ.

ރޭގެ މެޗުގެ ދެވަނަ ހާފަށް ނުކުމެ، ބްރެޒިލްގެ އަނެއް ދެ ގޯލު ޖެހީ އެޑްރިއާނާ އާއި ކެރޮލިންއެވެ. ސްޕެއިނުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމިނިމި އޮއްވައެވެ. އެޓީމުން މެޗުގައި ޖެހި ދެ ގޯލު ފަހުވަގުތުގައި ޖެހީ ސަލްމާ ޕަރަލުއޭލޯއެވެ.