ޖުމުލަ ހަތް ގައުމަކުން 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ޝައުގުވެރިވާ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބުނެފިއެވެ.
އައިއޯސީން ބުނީ އޮލިމްޕިކްސް ބާއްވަން ރަސްމީކޮށް ވާދަކުރަން ތައްޔާރުވަނީ ހަތް ގައުމަކުން ކަމަށެވެ. އެއީ އިންޑިއާ، ގަތަރު، ހަންގޭރީ، ތުރުކީގެ އިތުރުން ދެކުނު އެފްރިކާގެ އިތުރުން ޖަރުމަނާއި ދެކުނު ކޮރެއާއެވެ. އެ ހުރިހާ ގައުމަކުންވެސް 2036 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާއްވާ އޮލިމްޕިކްސް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް، މިހާރު ރަސްމީކޮށް އައިއޯސީއާ ވާހަކަ ދައްކަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އައިއޯސީގެ ރައީސް ކްރިސްޓީ ކޮވެންޓްރީ ވިދާޅުވީ ކޮންމެ ގައުމެއްގައި ބާއްވާ ނަމަވެސް، އޮލިމްޕިކްސްގެ އެންމެ މުހިއްމު ކަމަކީ އެތުލީޓުން ކަމަށާއި، އެއީ އޮލިމްޕިކްސް ގޭމްސް އަސާސް ކަމަށެވެ. އަދި ކޮންމެ ހޯސްޓެއް ނަމަވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ އެތުލީޓުންނަށް ހުރިހާ ކަމެއް ރަނގަޅަށް ގެންދަން ކަމަށްވެސް ކްރިސްޓީ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު އިންޑިއާއިން މިހާތަނަށް އޮލިމްޕިކްސްއެއް ހޯސްޓް ކޮށްފައި ނުވާ އިރު، ގަތަރު މަސައްކަތް ކުރަނީ އޮލިމްޕިކްސް ހޯސްޓް ކުރާ ފުރަތަމަ މެޖޯރިޓީ މުސްލިމް ގައުމަށްވުމަށެވެ. ގަތަރުން ވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕްވެސް ހޯސްޓް ކޮށްފައެވެ.
ހަންގޭރީން 2024 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަންވެސް ބިޑުކޮށްފައިވާ އިރު، އެގައުމުން އަދި މިހާތަނަށް އޮލިމްޕިކްސް ހޯސްޓް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދެން ޔޫރަޕުން ޝައުގުވެރިކަން ފާޅުކުރި ތުރުކީއާއި ޖަރުމަނުގެ ތެރެއިން ޖަރުމަނުން ވަނީ 1972 ވަނަ އަހަރު އޮލިމްޕިކްސް ހޯސްޓް ކޮށްފައެވެ. އަދި ތުރުކީން މީގެ ކުރިން ފަސް ފަހަރު ބިޑުކޮށްވެސް ކާމިޔާބުވެފައެއް ނުވެއެވެ.
އަނެއްކޮޅުން ދެކުނު އެފްރިކާއިން މަސައްކަތް ކުރަމުން ދަނީ އޮލިމްޕިކްސް ބާއްވާ އެފްރިކާގެ ފުރަތަމަ ގައުމަށް ވުމަށެވެ. އެގައުމުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ކުޅިވަރު އިވެންޓަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ދެކުނު ކޮރެއާއިންވެސް މީގެ ކުރިން 1988 ވަނަ އަހަރު އޮލިމްޕިކްސް އެގައުމުގައި ހޯސްޓް ކޮށްފައިވާ އިރު، 2018 ވަނަ އަހަރު ވިންޓާ އޮލިމްޕިކްސްވެސް ހޯސްޓް ކޮށްފައިވެއެވެ.
އައިއޯސީން ބުނީ 2036 ވަނަ އަހަރު އޮލިމްޕިކްސް ބާއްވާ ގައުމު އެނގިގެންދާނީ 2029 ވަނަ އަހަރު ކަމަށެވެ. އަދި ބިޑުތައް ފައިނަލް ކުރާނީ 2028 ވަނަ އަހަރުއެވެ. އަދި އިތުރަށް ޝައުގުވެރިކަން ހުރި ގައުމެއް ނަމަ، 31 އޮކްޓޯބަރުގެ ކުރިން އެކަމަށް މަސައްކަތް ކުރަން އެދިފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
ކޮމެންޓް