ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ޝާލިޔާ، އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ) ފުރިހަމަ ކުރުމަށް ހަންގޭރީއަށް ގޮސްފިއެވެ.
ޝާލިޔާ، މިއަދު ހަންގޭރީއަށް ގޮސްފައި ވަނީ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމުން ފަހިވި ފުރުސަތެއްގައެވެ. ޝާލިއާ ކޯސް ހަދާނީ ބުޑަޕެސްޓްގެ ހަންގޭރިއަން ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސްއިންނެވެ. އޭނާ ހަދާ ކޯސް ފަށާނީ މާދަމާއެވެ. އެ ކޯސް ނޮވެމްބަރު 26 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޝާލިޔާއަކީ ނޭޕްލާގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ މުބާރާތުން ލޯ މެޑަލް ގެނައި ރާއްޖޭގެ އަންހެން ޓީމުގެ ކެޕްޓަނެވެ. ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައިވެސް ޝާލިޔާ ފާހަގަވެފައިވާ އިރު، 18/30 ވިމަންސް ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ހޯދިއެވެ. އަދި އޭގެ އިތުރުންވެސް ގިނަ މުބާރާތްތަކެއްގައި ޝާލިޔާ ފާހަގަކުރެވިފައިވެއެވެ.
ކޯޗިންގެ މަސައްކަތްތަކުގައި އޭގެފަހުން ޝާލިޔާ ފާހަގަކުރެވިފައިވާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ށ. ގޮއިދޫ ޓީމަށް އިރުޝާދު ދިނުމުގައިވެސް ޝާލިޔާ ފާހަގަ ކުރެވުނެވެ.
ލިބުނު ފުރުސަތާ ގުޅިގެން ޝާލިޔާ "ވަން ސްޕޯޓްސް"އަށް ބުނީ ހަންގޭރީން ލިބުނު ފުރުސަތަކީ ކުޅުމަށްފަހު ކުރަމުންދާ މަސައްކަތުގައި ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"އެފްއޭއެމްއިން ރިކޮމެންޑް ކުރި ފުރުސަތެއް މިއީ. ފާހަގަވި ކަމަކީ މިއީ ކުޅުމަށްފަހު ކުރިއަށްދާން މި ކުރާ މަސައްކަތުގައި ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި. ހަމަ ހަގީގަތުގައިވެސް ރާއްޖޭގެ އަންހެން ފުޓުބޯޅައަށް ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ. ރާއްޖޭގެ ޒުވާން އަންހެން ކުޅުންތެރިންނަށް އެބަ ބޭނުންވޭ ރަނގަޅު ގައިޑެންސް، އަދި ރަނގަޅު ފުރުސަތުވެސް. އޭރުން ކުރިއަރާނީ،" ޝާލިޔާ ބުންޏެވެ.
ޝާލިޔާ ބުނީ ކުޅުން ހުއްޓާލި ނަމަވެސް، ދެން އޮތް ޖީލުގެ ކުރިމަގަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. އަދި ދަސްވާ އެއްޗެއްގެ ބޭނުން އަންނަން އޮތް ޖީލު ބިނާކުރުމަށް ހިފޭނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ޝާލިޔާ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމެންޓް