ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓްގެ ފައިނަލްގެ ދެވަނަ ޖާގަ ހޯސްޓް ފްރާންސުން ހޯދައިއެވެ.

ތިއަރީ އޮންރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ފްރާންސުން ފައިނަލަށް ދަތުރުކުރީ ރޭ މިސްރާ ދެކޮޅަށް ކުޅުނު މެޗު، އިތުރު ވަގުތަށް ގޮސްގެން 3-1 އިން ކާމިޔާބުކޮށްގެންނެވެ. ފައިނަލަށް ދިއުމާއިއެކުވެސް ފްރާންސަށް މެޑަލް ޔަގީންވެފައިވާ އިރު، މިއީ މިދިޔަ 40 އަހަރު ތެރޭގައި އެގައުމަށް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓަކުން މެޑަލް ޔަގީންވި ފުރަތަމަ ފަހަރެވެ. ފްރާންސުން އަންނަ ހުކުރު ދުވަހުގެ ފައިނަލުގައި ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.

ލިޔޯންގައި ކުޅުނު ސެމީ ފައިނަލް މެޗު ފޯރިގަދަކޮށް ނިމިގެން ދިޔަ އިރު، ފުރިހަމަ ވަގުތު ހަމަވިއިރު މެޗު އޮތީ އެއްވަރުވެފައެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެ ގޯލު ޖެހީ މިސްރުންނެވެ. ގޯލު ކުރިމަތިން ލިބުނު ފުރުސަތުގައި އެ ގޯލު ޖެހީ މަހްމޫދު ސަބާއެވެ. އެ ގޯލާއެކު މިސްރުން ތާރީހީ ފައިނަލަކާ ދިމާލަށް މިސްރާބު ޖެހި ނަމަވެސް ފްރާންސުން ވަނީ 83 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. އެ ގޯލު ޖެހީ އޮލިމްޕިކްސްގައި ތަފާތު ދައްކަމުން އަންނަ ޖީން-ފިލިޕް މަޓޭޓާއެވެ.

މެޗުގެ އިތުރު ވަގުތު ފެށިގެން މާގިނައިރެއް ނުވެ، މިސްރުގެ އޮމަރު ފަޔޭދަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ. އެ ރަތްކާޑާއެކު ފްރާންސަށް އުންމީދު އާވިއެވެ. ނަތީޖާއެއްގެ ގޮތުން މަޓޭޓާގެ އިތުރު ގޯލަކާއި މިޝޭލް އޮލީސޭގެ ގޯލަކުން ފްރާންސް ފައިނަލް ޔަގީންކުރިއެވެ.