ފްރާންސްގެ ޕެރިހުގައި އިއްޔެ ފެށި އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު މެޗުން މިއަދު ބަލިވެއްޖެއެވެ.
ރާއްޖެ ގަޑިން 6:00 ގައި ކުޅުނު މެޗުން ދީމާ ބަލިވީ ޕޮލެންޑްގެ އުމުރުން 23 އަހަރުގެ ކަޓާރްޒީނާ ވެގަރްޒީން ކައިރިންނެވެ. ދުނިޔޭ ރޭންކިންގެ 135 ގައި އޮތް ކަޓާރްޒީނާ އަތުން ދީމާ ބަލިވީ ސީދާ ހަތަރު ސެޓުންނެވެ.
ދީމާ އަތުން ސެޓުތައް ގެއްލުނީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ.
އުމުރުން 16 އަހަރުގެ ދީމާ އޮލިމްޕިކްސްއާ ހަމައަށް ގޮސް، ގަދަ 64 އަށް ނުދެވުނު ނަމަވެސް، އޭނާއަށް މި އޮލިމްޕިކްސްއަކީ ތާރީހީ އޮލިމްޕިކްސްއެކެވެ.
ދީމާއަކީ މިހާތަނަށް ރާއްޖެއިން، އޮލިމްޕިކްސް ކުޅިވަރަކަށް ކޮލިފައިވެގެން ގޮސް ވާދަކުރި ފުރަތަމަ އެތުލީޓެވެ. ދީމާ މިއަދުގެ މެޗުގައި ދެއްކި ހިތްވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ތައުރީފުކުރައްވާފައިވެ އެވެ.
ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ދީމާ ރަނގަޅު ވާދައެއް ކުރި ނަމަވެސް، އެ ސެޓުގެ ފަހު ބައިގައި ކަޓާރްޒީނާ ވަނީ އޭނާގެ ތަޖުރިބާ ބޭނުންކޮށް، ފަސޭހަކޮށް ސެޓު 11-5 އިން ގެންގޮސްފައެވެ. އެ ސެޓާއެކު ކަޓާރްޒީނާ އުންމީދާއެކު މެޗު ކުޅެފައިވާ އިރު، ދެވަނަ ސެޓު ގެންދިޔައީވެސް ފަސޭހަކޮށެވެ. އެ ސެޓު ފަށައިގެން ބޮޑު ލީޑެއް ކަޓާރްޒީނާ ހޯދި އިރު، ސެޓުގެ ފަހުކޮޅަށް ގޮސް ދީމާއަށް އެ ލީޑު އަތެއް ނުވިއެވެ. އެ ސެޓު ކަޓާރްޒީނާ ގެންދިޔައީވެސް 11-5 އިންނެވެ.
ދެން ޖެހިގައި އައި ސެޓުގައި ކަޓާރްޒީނާ ފެނުނީ އަދި މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. ފުރަތަމަ ދެ ސެޓު ގެންދެވިފައި އޮތުމުން ކަޓާރްޒީނާ ފަސޭހަކޮށް ޔަގީންކަމާއެކު ކުޅުނު އިރު، ދީމާއަށް ތިންވަނަ ސެޓުގައި މާ ބޮޑު ތަފާތެއް ނުދެއްކި ބަލިވީ 11-2 އިންނެވެ. މެޗުގެ ހަތަރުވަނަ ސެޓުގައި ދީމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. ދީމާގެ ހިތްވަރުން ސެޓުގެ ކުރީކޮޅުގައި ލީޑު ނަގައި ކަޓާރްޒީނާއަށް ޕްރެޝަރުކޮށްލި ނަމަވެސް، ދީމާއަށް ސެޓު ނިންމާލަން އޭނާ ފުރުސަތެއް ނުދިނެވެ. ދީމާ އަތުން ސެޓު ދިޔައީ 11-8 އިންނެވެ.
އޮލިމްޕިކްސްގައި ދެން ރާއްޖޭގެ އެތުލީޓުންނަށް އޮތް އިވެންޓްތަކަށް ބަލާއިރު، މާދަމާ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ، އިންޑިއާގެ ވަރުގަދަ ކުޅުންތެރިޔާ ޕީވީ ސިންދޫއާ ދެކޮޅަށް ނުކުންނާނެއެވެ.
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ