ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ) ގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ޓީމު، އަޒަރުބައިޖާން ކައިރިން ބަލިވެއްޖެއެވެ.
ޓީޓީ ޓީމް އިވެންޓުގެ މެޗުތައް އިއްޔެ ކުރިއަށް ގޮސްފައިވާ އިރު، ރާއްޖޭގެ އަންހެން ޓީމުން ވަނީ ހޯސްޓް ސައުދީ އަރަބިއާ ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ އައިޝަތު ރަފާ ނާޒިމާއި އައިޝަތު އަލްސާ ނާފިޒް އަދި ފާތިމަތު ދީމާ އަލީއެވެ.
އެޓީމުން ކުއާޓާގައި ނުކުތީ ތަޖުރިބާކާރު އަޒަރުބައިޖާނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 8-3 ސެޓުންނެވެ.
އެ ގޭމްގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ދީމާއާއި ރަފާގެ ޕެއާ ނުކުތީ އައިލިން އަސްގަރޯވާއާއި ނަރުމަޓޯވާ މާޒިއްޔާއާ ދެކޮޅަށެވެ. އެ ގޭމް އަޒަރުބައިޖާން ޕެއާ ގެންދިޔައީ 2-1 ސެޓުންނެވެ.
ދެވަނަ ގޭމްގައި އަލްސާވެސް ހިތްވަރުކުރިއެވެ. އެގޮތުން މިކޭލިއޯވާ ޒެމްފިރާ ކައިރިން އަލްސާ ސެޓެއް ހޯދި ނަމަވެސް ބަލިވީ 2-1 ސެޓުންނެވެ. ތިންވަނަ ގޭމްގައި ދީމާ ވަނީ ނުރްމަޓޯވާ ކައިރިންވެސް ސެޓެއް ގެންގޮސްފައެވެ. އެހެން ނަމަވެސް ބަލިވީ 2-1 ސެޓުންނެވެ.
ހަތަރުވަނަ ގޭމްގައި ޒެމްފިރާ ވަނީ ރަފާ ކައިރިން ސީދާ ދެ ސެޓުން ގޭމް ގެންގޮސް، މެޗުވެސް ކާމިޔާބުކޮށްފައެވެ.
އިއްޔެ ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުން ގަތަރާ ދެކޮޅަށް ކުޅެ ބަލިވީ 8-4 ސެޓުންނެވެ. އެެ މެޗު ފެނިގެން ދިޔައީ ވާދަވެރިކޮށެވެ. ރާއްޖޭގެ ޓީމުގައި މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއީލްގެ އިތުރުން ދެން ހިމެނެނީ އަހްޔަރު އަހުމަދު ހާލިދެވެ.
އެ މެޗުގެ ފުރަތަމަ ގޭމްގައި މުންސިފާއި ޝައްފާންގެ ޕެއާ ވަނީ ގަތަރުގެ އަހުމަދު ސާދަވީއާއި އަބްދުﷲ އަބްދުލްވައްހާބުގެ ޕެއާ ކައިރިން ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ.
ދެން ކުޅުނު ސިންގަލްސް ގޭމްގައި އަހްޔަރު، ވައްހާބު ކައިރިން ސެޓެއް ގެންދިޔަ ނަމަވެސް ނިމުނީ 2-1 އިން ގަތަރު މޮޅުވެގެންނެވެ. ތިންވަނަ ގޭމްގައި މުންސިފް ކައިރިން ވައްހާބު ތިން ސެޓުން ގޭމް ގެންދިޔުމާއެކު ގަތަރަށް ފުރުސަތު ފަހިވި އިރު، ދެން ކުޅުނު ގޭމަށްވެސް އެގައުމުން ނުކުތީ ވައްހާބެވެ. އެ ގޭމަށް ރާއްޖޭގެ ޝައްފާނު ނުކުތް ނަމަވެސް، ގޭމް ނިމުނީ 3-0 ބަލިވެގެންނެވެ.
ޓޭބަލް ޓެނިސް އިވެންޓުގެ އިތުރު މެޗުތައް މާދަމާ އޮންނާނެއެވެ. އެގޮތުން މާދަމާ ސިންގަލްސް މެޗުތައް ފެނިގެން ދާނެއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް