ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ) ގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓްގެ ގްރޫޕް ޑީގައި ސައުދީ އަރަބިއާ ބަލިކޮށް، ރާއްޖެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗުގައި ރާއްޖެއިން ވަރުގަދަ ތުރުކީ ކައިރިން ބަލިވި ނަމަވެސް، މިއަދު ވަނީ ސައުދީ ކައިރިން ފަސޭހަ މޮޅެއް ހޯދައިފައެވެ. އެއީ 3-1 ގޭމުންނެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ އައިޝަތު ރަފާ ނާޒިމާއި އައިޝަތު އަލްސާ ނާފިޒް އަދި ފާތިމަތު ދީމާ އަލީއެވެ.

މުބާރާތް ހޯސްޓް ކުރަމުންދާ ސައުދީއާ ދެކޮޅަށް ރާއްޖެއިން މިއަދު ކުޅުނު ޓީމް މެޗުގައި، ފުރަތަމަ ކުޅެފައި ވަނީ ޑަބަލްސް މެޗެކެވެ. އެމެޗަށް ރާއްޖެއިން ނުކުތީ ދިމާއާއި ރަފާގެ ޕެއާ އެވެ. ދިމާއާއި ރަފާގެ ޕެއާއިން ވަނީ ސީދާ ތިން ސެޓުން ގޭމް ކާމިޔާބު ކޮށްފައެވެ.

ސައުދީގެ އަމީރާ އަލްދަފީރީ އާއި ޝަހާހް އަލްދަފީރީއާ ދެކޮޅަށް ކުޅެ، ދީމާއާއި ރަފާ ސެޓުތައް ގެންދިޔައީ 11-7، 11-7 އަދި 11-2 އިންނެވެ.

މެޗުގެ ދެވަނަ ގޭމްސްގައި ސިންގަލްސް މެޗެއް ކުޅެފައިވާ އިރު، އެ ގޭމްސްގައި އައިޝަތު އަލްސާ ނާފިޒް ކައިރިން ސައުދީގެ ނިހާލް އަލްގަހްތާނީ މޮޅުވި އިރު، ދެން ކުޅުނު ގޭމްގައި ދީމާ ވަނީ ޝަހާހް ކައިރިން 3-0 ސެޓުން މޮޅުވެފައެވެ.

ރަފާއާއި ދީމާގެ އިތުރުން އަލްސާ، ކޯޗު މަހްދީއާއެކު --- ފޮޓޯ/ އިސްމާއީލް ތޯރިގު، އެމްއޯސީ

ދީމާ ސެޓުތައް ގެންދިޔައީ 11-2، 11-3 އަދި 11-4 އިންނެވެ. މެޗުގައި ދެން ކުޅުނު ސިންގަލްސްގެ ގޭމްގައި ރަފާ ނުކުތީ އަލްގަހުތާނީއާ ދެކޮޅަށެވެ. އެ ގޭމްގެ ސެޓުތައް ރަފާ ކާމިޔާބުކުރީ 11-8، 11-7 އިންނެވެ.

މިއަދު ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ރަފާ ކުޅެނީ --- ފޮޓޯ/ އިސްމާއީލް ތޯރިގު، އެމްއޯސީ

އެ ގޭމް ދެސެޓުން ނިމުނީ ރާއްޖޭގެ ކުޅުންތެރިންނަށް އަށް ސެޓު ހަމަވުމުންނެވެ. މެޗު ރާއްޖެއިން ކާމިޔާބުކުރީ 8-3 ސެޓުންނެވެ.

ކުއާޓާގައި ރާއްޖެއިން މިއަދު ނުކުންނާނީ އަޒަރްބައިޖާނާ ދެކޮޅަށެވެ.

މީގެ ކުރިން އެންމެފަހުން ބޭއްވި އައިއެސްޖީގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.