ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ޓޭބަލް ޓެނިސް އިންޑިވިޖުއަލް އިވެންޓްތައް މިއަދު ފަށާފައިވާ އިރު، މިކްސް ޑަބަލްސްގައި އައިޝަތު ރަފާ ނާޒިމްއާއި މޫސާ މުންސިފް މޫސާ، މޮންގޯލިއާގެ ޕެއާއެއް ބަލިކޮށްފިއެވެ.

ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ.

އޭޝިއާއަކީ ޓޭބަލް ޓިނުގެ އެންމެ ވަރުގަދަ ގައުމުތަށް ވާދަކުރާ ބައްރު ކަމަށްވާ އިރު، އޭޝީއަން ގޭމްސްގައި ދަނީ މިވަގުތު ދުނިޔޭގެ ޗެމްޕިއަނުންވެސް ވާދަކުރަމުންނެވެ. ރާއްޖޭގެ އެތުލީޓުންނާވެސް ވަރުގަދަ ޕެއާތަކާ ވާދަކުރަން ޖެހިފައިވާ އިރު، ރަފާއާއި މުންސިފް، މިކްސް ޑަބަލްސް އިވެންޓްގެ ދެވަނަ ބުރުގައި 3-2 ސެޓުން ބަލިކުރީ މޮންގޯލިއާގެ ބިލްގުން އަންހްބަޔާރާއި އަންހަމާ ސެރް-އޯދުގެ ޕެއާއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު މޮންގޯލިއާ ޕެއާއިން ގެންދިޔައީ 11-5، 11-7 އިންނެވެ. އެހެން ނަމަވެސް ރަފާއާއި މުންސިފްގެ ޕެއާއިން ވަނީ ފަހަތުން އަރައި ތިން ސެޓު ގެންގޮސްފައެވެ. އެއީ 11-9، 11-9 އަދި 11-9 އިންނެވެ.

ރަފާއާއި މުންސިފްގެ ޕެއާއިން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްއޯސީ

ރަފާ ވަނީ ސިންގަލްސް ފުރަތަމަ ބުރުގައި ބަންގްލަދޭޝްގެ މާހީ ނޯވިން ކައިރިން 4-2 ސެޓުން މޮޅުވެފައެވެ. ފުރަތަމަ ސެޓު މާހީ، 11-9 އިން ގެންދިޔަ ނަމަވެސް ރަފާ ވަނީ ދެވަނަ ސެޓު 12-10 އިން ގެންގޮސްފައެވެ. އަނެއްކާވެސް ތިންވަނަ ސެޓު މާހީ، 11-7 އިން ގެންދިޔަ ނަމަވެސް ރަފާ ވަނީ ދެން ކުޅުނު ސެޓުތައް 11-6. 11-5 އަދި 11-9 އިން ގެންގޮސްފައެވެ.

އަންހެން ސިންގަލްސް ފުރަތަމަ ބުރުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީއާ ވާދަކުރަން ޖެހުނީ އުތުރު ކޮރެއާގެ ވަރުގަދަ ކުޅުންތެރިޔާ ކިމް ކުމް ޔޮންގާއެވެ. އެމެޗުން މޮޅުވީ އުތުރު ކޮރެއާ ކުޅުންތެރިޔާއެެވެ.

ފިރިހެން ޑަބަލްސް ފުރަތަމަ ބުރުގައި މުންސިފާއި މުހައްމަދު ޝައްފާން އިސްމާއީލްގެ ޕެއާއިން ވަނީ އިރާނުގެ ބެންޔާމީން ފަރާޖީއާއި އަރްޔާން ގައްފާރީގެ ޕެއާއަށް ވަރުގަދަ ފައިޓެއް ދީފައެވެ. އެ މެޗުން އިރާން ޕެއާ މޮޅުވީ 3-2 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓްގެ ތިންވަނަ ބުރަށް ދަތުރުކުރި ރަފާއާއި މުންސިފް އެ ބުރުގައި ޖެހުނީ އިންޑިއާގެ މަނޫޝް ޝާހާއި ދިޔާ ޗިޓާލްއާ ދެކޮޅަށެވެ. އިންޑިއާގެ ޕެއާ އެމެޗު ގެންދިޔައީ 3-0 ސެޓުންނެވެ.

އޭގެ އިތުރުން މިކްސް ޑަބަލްސް ދެވަނަ ބުރުގައި ދީމާއާއި ޝައްފާން ވާދަކުރަން ޖެހުނީ އިންޑިއާގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ހަރްމީތު ޑެސާއީއައި ޔަޝާސްވިނީ ގޮރްޕާޑޭއާ ދެކޮޅަށެވެ. އެ މެޗު އިންޑިއާ ޕެއާއިން ގެންދިޔައީ 3-2 ސެޓުންނެވެ.