ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ އިސްލާމިކް ސްލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެެވެ.
ރަފާއާއި ދީމާ މިއަދު ގަދަ 16 ގައި ވާދަކުރީ ޕާކިސްތާންގެ ހޫރު ފަވާދު އާއި ހަލްސޫމް ހާންގެ ޕެއާއާ ދެކޮޅަށެވެ. އެމެޗުން ރަފާއާއި ދީމާގެ ޕެއާ 3-0 އިން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 11-07، 11-07 އަދި 11-09 އިންނެވެ.
އެމެޗުން މޮޅުވެ، ކުއާޓާ ފައިނަލްގައި ނުކުތީ މިސްރުގެ ޔުސްރާ އަޝްރަފް އަބްދުލްރައްޒާގާއި ހެންދު މުހައްމަދު ފާތީ އަބްދުލްހަލީމްގެ ޕެއާއާ ދެކޮޅަށެވެ. އެމެޗުން ރަފާއާއި ދީމާ ވަނީ ވާދަވެރި ކުޅުމަކަށް ފަހު، 3-1 ސެޓުން މޮޅުވެފައެވެ.
ފުރަތަމަ ސެޓުން މިސްރުގެ ޕެއާއިން މޮޅުވި އިރު، އެ ޕެއާއިން ސެޓު ގެންދިޔައީ 03-11 އިންނެވެ. އެ ސެޓު ގެއްލުނު ނަމަވެސް، ދެން ކުޅުނު ތިން ސެޓުންވެސް ރަފާއާއި ދީމާ ވަނީ މޮޅުވެފައެވެ. ސެޓުތައް ގެންދިޔައީ، 11-09، 13-11 އަދި 11-05 އިންނެވެ.
ސެމީ ފައިނަލުގައި ރަފާ އާއި ދީމާ ނުކުންނާނީ ތުރުކީގެ އެޝޭ ހަރާޝް އާއި އޮޒްގޭ ޔިލްމާޒްގެ ޕެއާއާ ދެކޮޅަށެވެ.
ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޝައްފާން އިސްމާއިލްގެ ޕެއާވެސް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. އެގޮތުން، ފުރަތަމަ ކުޅުނު ގަދަ 32 ޕެއާގެ ބުރުގައި، މުންސިފް އާއި ޝައްފާންގެ ޕެއާ ވަނީ މޮރިޓޭނިއާގެ ހަރޫނާ ސަންޔާއާއި އެލް ހަސަން އަހުމަދު ސަލީމްގެ ޕެއާއާ ދެކޮޅަށެވެ. އެ ޕެއާ ކައިރިން ޝައްފާނާއި މުންސިފްގެ ޕެއާ މޮޅުވީ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ، 11-02، 11-01 އަދި 11-04 އިންނެވެ.
ގަދަ 16 ބުރުގައި މުންސިފާއި ޝައްފާންގެ ޕެއާ އިން ނުކުތީ އަޒަރުބައިޖާންގެ ހިލާލް ހަސަނޯވާއި ގުލުދާޒޭ އޮނޫރުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ޝައްފާން އާއި މުންސިފް މޮޅުވީ 3-1 ސެޓުންނެވެ. ފަހަތުން އަރައި، މުންސިފް އާއި ޝައްފާން މޮޅުވި މެޗުގެ ފުރަތަމަ ސެޓު ގެއްލުނީ 11-9 އިންނެވެ. އަނެއް ތިން ސެޓު ޝައްފާނާއި މުންސިފް ގެންދިޔައީ 11-08، 11-03 އަދި 12-10 އިންނެވެ.
ކުއާޓާ ފައިނަލުގައި ޝައްފާނާއި މުންސިފް ވާދަކުރީ މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާގެ އަލީ އަލްހަދުރަވީއާއި އަބްދުލްއަޒީޒް ބޫ ޝުލައިބީގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން އަލްހަދުރަވީ އާއި ޝުލައިބީގެ ޕެއާ ވަނީ 3-0 އިން މޮޅުވެފައެވެ.
މިކްސް ޑަބަލްސްގައި ރާއްޖޭގެ މުންސިފް އާއި ރަފާގެ ޕެއާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. އެގޮތުން، ގަދަ 16 ބުރުގައި މުންސިފާއި ރަފާގެ ޕެއާ ވަނީ ޓޯގޯގެ އަޔޯކޯ ފަނީދާ އަމާއާއި މަތިއަސް އަގްބޮޑްޖާންގެ ޕެއާ އަތުން 3-0 ސެޓުން މޮޅުވެފައެވެ. ރަފާއާއި މުންސިފްގެ ޕެއާ ސެޓުތައް ގެންދިޔައީ 11-06، 11-09 އަދި 12-10 އިންނެވެ.
މުންސިފާއި ރަފާގެ ޕެއާ ކުއާޓާ ފައިނަލުގައި ބަލިވީ 3-0 އިން ބަންގްލަދޭޝްގެ އަހުމަދު އެމްޑީ ޖާވިދާއި ކޮއި ކޮއި ސައި މަރްމާގެ ޕެއާ ކައިރިންނެވެ.
މުޙައްމަދު ޝަމްޢޫން
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް