ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒް ކޮމިޓީއަކުން ހިންގަން ފީފާއިން ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި މިއީ ފުޓުބޯޅައަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތް ކުރަން ފެށި މަސައްކަތުގެ މަރުހަލާއެއް ނިމުން ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ފޯވަޑް ތޯރިގަކީ އެފްއޭއެމްގެ ރައީސް ކަމަށް އެންމެފަހުން ބުރުގައިވެސް ކުރިމަތިލެއްވި ކެނޑިޑޭޓެކެވެ. އެ މައްސަލަތަކުގައި ސީދާ ތޯރިގުގެ ކެނޑިޑެންސީއަށް ނުފޫޒު ފޯރުވަން އެފްއޭއެމްއިން ކްލަބުތަކަށް ނުފޫޒު ފޯރުވާފައިވާ އިރު، ތޯރިގު ވަނީ ފީފާ އާއި އޭއެފްސީއަށް ސިޓީ ވެސް ފޮނުއްވައިފައެވެ. އެގޮތުން ތޯރިގު ވަނީ މާ ކުރިންވެސް އެފްއޭއެމް ނޯމަލައިޒް ކުރުމަށް ގޮވާލައްވައިފައެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެކަމުގެ ޝަކުވާ ފީފާއަށް ހުށަހެޅުމާ އެކު، ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ސްޓޭޓްމަންޓަކުން އިންތިހާބު މަޑުޖައްސާލަން އެންގިއެވެ. އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަން އެފަހަރު ހުށަހެޅުއްވީ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ އެފްއޭއެމްގެ ރައީސް އަދި މެމްބަރު ތޯރިގެވެ.

އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅޭނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ތެރެއިން ތިން ކްލަބުގެ ތާއީދާ އެކުއެވެ. ތޯރިގު ވެލެންސިއާގެ ވެސް ތާއީދާ އެކު ފޯމު ހުށަހެޅުއްވި އިރު، ބައްސާމް އަތުން ވެލެންސިއާގެ ކޮންޓްރޯލް ގެއްލި، އޭރު އޮތީ އެ ކްލަބަށް ފިޔަވަޅު އަޅައި، ސަސްޕެންޑް ކޮށްފައެވެ. ކްލަބު ވެލެންސިއާ ސަސްޕެންޝަނެއްގައި އޮތުމުން، އެ ކްލަބަށް ވޯޓުލުމުގެ ހައްގެއް ނެތް ކަމަށް ބުނެ، ބައްސާމް ދިޔައީ ތޯރިގުގެ ކެނޑިޑެންސީ ބާތިލު ކުރަމުންނެވެ. އޭގެ ކުރިން ތޯރިގާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒު ހާޝިމް (މުފާ) ފޯމު ހުށަހެޅުއްވި އިރުވެސް އެ މައްސަލަތައް ދިމާވިއެވެ.

ތޯރިގުގެ ކެނޑިޑެންސީ މައްސަލައާ އެކު އެފްއޭއެމްއަށް ފީފާ ވަދެފައިވާ އިރު، އޭރުން ފެށިގެން ބަލަމުން އައި ބެލުމުގައި މިއަދު ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒް ކޮށްފައެވެ. އެ ހަބަރާއެކު ތޯރިގު ވިދާޅުވީ އަދި އިތުރު މަސައްކަތްތައް އެބަހުރި ކަމަށެވެ.

"ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީއެވެ. މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރުމަށް އަދިވެސް ކުރަންހުރި މަސައްކަތް މަދެއްނޫނެވެ. ފީފާގެ ނިންމުމަށް މަރުޙަބާއެވެ." ތޯރިގު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވާ ޒިންމާތައް އިންތިހާއަށް ބޮޑެވެ. އެގޮތުން އެފްއޭއެމްއިން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން، އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސްއާ އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން ކުރިން އެފްއޭއެމްގައި ތިބި އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން މަތިކޮށްފައިވެއެވެ.

އޭގެ އިތުރުން ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާ މައްސަލަ ވެސް ބަލަމުންދާ އިރު، ފީފާގެ ޑިވަލޮޕްމެންޓް ފަންޑުވެސް ވަނީ މާޗު މަހުން ފެށިގެން ހުއްޓާލައިފައެވެ.

އޭގެ އިތުރުންވެސް ފީފާއިން އައްޔަން ކޮށްފައިވާ ފީފާގެ ފޮރެންސިކް އޯޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުމާއި އެކްސްޓާނަލް ފައިނޭންޝަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނި ރީސްޓްރަކްޗާ ކުރުންވެސް ނޯމަލައިޒޭޝަން ކޮމިޓީން ކުރުމަށް ވަނީ ނިންމައިފައެވެ. އަދި އެފްއޭއެމްގެ އިންތިހާބު އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބާއްވައި އެގްޒެކެޓިވް ކޮމިޓީއެއް ހޮވުމަށްވެސް އެފްއޭއެމްއިން ފީފާއަށް ވަނީ އަންގައިފައެވެ.

ފީފާއިން އަންގާފައި ވަނީ ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލާނެ ވަކި އަދަދެއް ވަރަށް އަވަހަށް ނިންމާ، މީހުންވެސް އައްޔަން ކުރާނެ ކަމަށެވެ. ކޮމިޓީ އެކުލެވިގެންދާނީ ގާނޫނީ، މާލީ، އަދި ފުޓުބޯޅައާ ގުޅުން ހުރި އެކަށީގެންވާ ތަޖުރިބާކާރުންގެ މައްޗަށް ކަމަށާއި އެ ކޮމިޓީ އެކުލަވާލާނީ ފީފާ އާއި އޭއެފްސީ ގުޅިގެން ކަމަށްވެސް ފީފާއިން އަންގާފައިވެއެވެ.