ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މިއަދު ދައްކާލައިފިއެވެ.

ރެއާލާއި އެމްބާޕޭގެ ވާހަކައަކީ މިދިޔަ ދެތިން ޓްރާންސްފާ ސީޒަނެއްގައިވެސް އެންމެ ބާރަށް ދެކެވުނު ވާހަކައެވެ. އެމްބާޕޭ މީގެ ދެ ސީޒަންގެ ކުރިން، ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައި ރެއާލަށް ދާން އެއްބަސްވި ނަމަވެސް، ޕީއެސްޖީން ދޫނުދީގެން ޖެހުނީ މަޑުކުރާށެވެ. އެ ފަހަރު އެމްބާޕޭ ދެ އަހަރަށް އެއްބަސްވުން އާ ކުރުމާއެކު އެ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ.

މި ސީޒަން ނިންމައި އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލަން އުޅުމުން، ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ޖެހޭނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އަދި ޕީއެސްޖީގެ ތަމްރީނުތަކުންވެސް އޭނާ އެއްފަރާތް ކުރިއެވެ.

އެކަން އެހެން ހިނގި ނަމަވެސް، އެމްބާޕޭ ވަނީ ރެއާލަށް ދާން މާކުރިން ނިންމައިފައެވެ. އެ ހަގީގަތް ހަގީގަތަކަށް ހަދައި، މިއަދު މެޑިކަލް ފުރިހަމަކޮށް އެމްބާޕޭ ވަނީ ރެއާލް ޖާޒީގައި ފުރިފައި އޮތް ސަންތިއޭގޯ ބާނަބޭއޫ ސްޓޭޑިއަމަށް ނުކުމެފައެވެ. މިއަދު އެމްބާޕޭ އިއުލާން ކުރުމަށް ބޭއްވި އިވެންޓް ބެލުމަށް ރެއާލް ދަނޑުގެ ފުރައި 80.000 އެއްހާ ސަޕޯޓަރުން ވަދެފައިވެއެވެ.

ޒައިނުއްދީން ޒިދާންގެ އިތުރުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ރެއާލް ސަޕޯޓަރުންނަށް އެމްބާޕޭ ތައާރަފު ކޮށްފައިވާއިރު، އޭނާ ބުނީ ރެއާލްގެ ހުވަފެން ދެކެމުން އެތައް އަހަރެއް ވަންދެން ނިދަމުން ގޮސް، މިއަދު ހާސިލު ކުރެވުނީ ކެރިއަރު ހުވަފެން ކަމަށެވެ. އެމްބާޕޭ ބުނީ އާއިލާގެ އިތުރުން އޭނާއަށްވެސް ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށާއި ރެއާލް މެޑްރިޑަކީ އޭނާ އަބަދުވެސް އެންމެ ލޯބިވާ ކްލަބު ކަމަށެވެ.

އެމްބާޕޭ ރެއާލްއަށް ނުފޮނުވާން ވެގެން ޕީއެސްޖީން ސައުދީ އަރަބިއާގެ އަލް ހިލާލުން ހުށަހެޅި 259 މިލިއަން ޕައުންޑްގެ ބިޑެއް އެމްބާޕޭއަށް ހުށަހެޅި ނަމަވެސް، އެ ބިޑަށް އެމްބާޕޭ އާބަސް ބުނެފައެއް ނުވެއެވެ. އެމްބާޕޭ ހުވަފެނީ ކްލަބު ރެއާލަށް ބަދަލުވާން މާކުރިން ނިންމައި، އެކަން ޔޫރޯ ކުރިންވެސް އިއުލާންކުރިއެވެ. އެމްބާޕޭ ޕީއެސްޖީއަށް ކުުޅުނު 308 މެޗުން 256 ގޯލު ޖަހައިދީފައިވެއެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރެއާލަށް ސޮއިކޮށްފައިވާއިރު، އޭނާ ރެއާލްގައި ފެންނާނީ ނުވަ ނަމްބަރު ޖާޒީގައެވެ.