ބޯޑަރުންނާއި އެކި އެކި އޮޕަރޭޝަންތަކުގައި ކަސްޓަމްސްގެ ފަރާތުން އަތުލައި ގަންނަ މަސްތިވާތަކެތި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ދެއްވަމުން މާނިއު މިއަދު ވިދާޅުވީ، އަތުލައިގަނެވޭ މަސްތުވާތަކެތި 24 ގަޑިއިރުގެ ތެރޭގައި ނައްތާލަންވެސް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އަތުލައިގަނެވޭ މަސްތުވާތަކެތި ޝަރީއަތް ނިމެންދެން އަހަރު، ދެ އަހަރު ވަންދެން ބެހެއްޓުމުގެ ބަދަލުގައި، އެއީ ކޮންބާވަތެއްކަން ޓެސްޓުން ދައްކާ ނަތީޖާއަކީ ހެކީގެ ގޮތުގައި ކޯޓަށް ގަބޫލުކުރަންޖެހޭ އެއްޗެއް ކަމަށް ވެސް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
އެކަންކަމުގެ ސަބަބުން، އަތުލައިގަނަން މަސްތުވާތަކެތި މުޖުތަމައަށް ފެތުރޭ ކަމަށް ދެކެވޭ ވާހަކަތައް ހުއްޓި، އަތުލައި ގަނެވޭ މަސްތުވާތަކެތި ރަނަގަޅަށް ހިފެހެއްޓުމަށްފަހު ނައްތާލެވޭކަމުގެ އިތުބާރު އުފެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ކަސްޓަމްސްއިން އަތުލި ނަމަވެސް މަސްތުވާތަކެތި ހަވާލުކުރަން ޖެހެނީ ފުލުހުންނާއެވެ.
މާނިއު ވިދާޅުވީ އެގޮތަށް އަތުލައިގަންނަ މަސްތުވާތަކެތި، ނައްތާނުލައި އެހެން ބައެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމުން އެހެން މައްސަލަތަކެއް ނުކުންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
މާނިއު ވިދާޅުވީ، ބޯޑަރުން އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތަސް ގާނޫނު އޮންނަ ގޮތުން މިހާރު ހަވާލުކުރަން ޖެހެނީ ފުލުހުންނާ ކަމަށެވެ
މާނިއު ވިދާޅުވީ، އިންޑިއާގެ ފަރާތުން ކަމާބެހޭ ލެބޯޓްރީއެއް ކަސްޓަމްސްގައި ގާއިމްކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މަސްތުވާތަކެތި ކަސްޓަމްސްއިންވެސް ޓެސްޓް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު