ކުރިން ބާސެލޯނާ، ބަޔާން މިއުނިކް އަދި ލިވަޕޫލަށްވެސް ކުޅުނު ތިއާގޯ އަލްކަންޓާރާ ފުޓުބޯޅަކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އުމުރުން 33 އަހަރުގެ ތިއާގޯ ފުޓުބޯޅަކުޅުން ހުއްޓާލަން ނިންމާފައި ވަނީ މިއަދުއެވެ. ސްޕެއިންގެ ގައުމީ ޓީމަށް 46 މެޗު ކުޅެދީފައިވާ ތިއާގޯ ކެރިއަރު ފެށީ 2008 ވަނަ އަހަރުއެވެ. އެއީ ބާސެލޯނާގެ ބީ ޓީމުންނެވެ. ތިއާގޯގެ އާއިލާއަކީ ބްރެޒިލްގެ އާއިލާއެއް ނަމަވެސް، އޭނާގެ ޅަ އުމުރުގައި ބާސެލޯނާގެ ލަ މާސިއާ އެކަޑެމީއާ ގުޅިފައިވެއެވެ.

އެ ކްލަބުގެ އެކަޑެމީ ތެރެއިން ސީނިއާ ޓީމަށް ތިއާގޯ ނުކުމެފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން 2013 ވަނަ އަހަރާއި ހަމައަށް ބާސާއަށް ކުޅުމަށްފަހު ތިއާގޯ ވަނީ ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކަށް ބަދަލުވެފައެވެ. އެ ކްލަބަށް ހަތް އަހަރު ކުޅުމަށްފަހު ތިއާގޯ އެންމެފަހުން ބަދަލުވީ ލިވަޕޫލަށެވެ. އެ ކްލަބާއެކު ފުރަތަމަ ކޮޅުގައި މޮޅަށް ކުޅުނު ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާއަށް ވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކާ ދިމާވެފައެވެ.

ތިއާގޯ 98 މެޗު ލިވަޕޫލަށް ކުޅެފައިވާ ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާއަށް ވާދަވެރި މެޗެއްގައި ކުޅެވުނީ އެންމެ ފަސް މިނެޓުގެ ކުޅުމެވެ. އެއީ ފަލަމަސްގަނޑުގެ އަނިޔާގެ ސަބަބުންނެވެ.

ތިއާގޯ ސްޕެއިން ލީގުގެ ޖިރޯނާއަށް ބަދަލުވާން އުޅުނު ކަމަށް ވާހަކަ ދެކެވިފައިވީ ނަމަވެސް އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ އޭނާ ރިޓަޔާވި ކަން ޔަގީން ކޮށްދީފައެވެ. ތިއާގޯ ވަނީ ބާސާއާއެކު ހަތަރު ފަހަރަށް ލަލީގާ ހޯދައި، އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް، ފީފާ ކްލަބު ވޯލްޑް ކަޕް އަދި ކޮޕާ ޑެލް ރޭވެސް ހޯދައިފައެވެ.

އޭގެފަހުން ބަޔާންގައި ތިއާގޯ ހަތް ޖަރުމަނު ލީގު ތަށި ހޯދާފައިވާ އިރު، އެ ކްލަބާއެކުވެސް ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕް ހޯދިއެވެ. ލިވަޕޫލާއެކު ތިއާގޯ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ، އެފްއޭ ކަޕް ހޯދައިފައެވެ.