އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ޒާތީކަންކަން އެއްފަރާތް ކުރެއްވުމަށްފަހު އަލުން އެކުގައި ސިޔާސީ މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތަކަށް، ނަޝީދު ތާއީދު ކުރައްވައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓޯ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއެއްގައި ސޯލިހު ވިދާޅުވީ ނަޝީދާ އެކު ފެއްޓެވި ސިޔާސީ މަސައްކަތް އަދި ނިމުމަކަށް ނާންނަ ކަމަށެވެ. އަދި ވިދާޅުވީ މިއީ ޒާތީ ކަންކަން އެއްފަރާތް ކުރެއްވުމަށްފަހު އެކުގައި ކުރިއަށްދާންވީ ވަގުތު ކަމަށެވެ.
ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނަޝީދާ ވަކިން މަސައްކަތް ކުރެއްވުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަނެއްކާ މިއީ އެކަމާ މެދު އެ ބޭފުޅުން ވެސް ވިސްނަންވީ ވަގުތު. އަޅުގަނޑުމެން އެންމެންގެ ޕާޓީ މިއީ. އަޅުގަނޑުމެން އެންމެން އެކީގައި ވަޑައިގަންނަވަންވީ ހަމަ. ޒާތީ އޭރު އެ ހުރި މައްސަލަތައް އެކަހެރި ކުރެވޭނެ،" ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް 2023 މި ގެއްލިގެންދިޔަ ދިއުމުގައި، އަޅުގަނޑުމެންނާ އެކީގައި މި ޕާޓީ ފަށައިގެން އައިސް ހުރި ބަޔަކު ވަކިވެގެން ދިޔަ. ހަގީގަތުގައި ވެރިކަން ގެއްލުމުގެ، އިންތިހާބު ގެއްލުމުގެ އެންމެބޮޑު އެއް އިޝޫއަކީ އެއީ،"
ދެ ބޭފެޅުން އެކުގައި އަލުން މަސައްކަތް ނުކުރައްވައިފި ނަމަ، ރައްޔިތުންނަށް ލިބިގެންދާނީ ވަރަށް ބޮޑު ދެރައެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.
ސޯލިހުގެ އެ ވާހަކަތަކަށް ތާއީދު ކުރައްވައި ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ.
"ވަރަށް ބޮޑު ތެދުފުޅެއް، ތިޔަ ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވެސް އެދިވަޑައިގެންފައެވެ.
ނަޝީދާއި ސޯލިހުއާ ދެމެދު މައްސަލަ އުފެދި، އެ ކަންކަން ހައްލުނުވުމުގެ ސަބަބުން ނަަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. އެފަހަރު ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރި ނަމަވެސް ފުރަތަމަ ބުރުގައި ވަނީ ބަލިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު