ނުވަ މަސް ދުވަހަށް ފުޓުބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ރާއްޖޭގެ އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީންނެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ފީފާގެ ކޯޑް އޮފް އެތިކްސް ގެ އާޓިކަލް 86 އަކަށް ރިއާޔަތް ކޮށެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްސާމް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އިންވެސްޓިގޭޓަރީ ޗެމްބާއިން އެންގި އެންގުމަކާ ގުޅިގެންނެވެ. އެ ޗެމްބާއިން ބައްސާމް ސަސްޕެންޑް ކުރަން އެދިފައި ވަނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުންދާ ބައްސާމްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅިގެންނެވެ. އަދި އޭގެ އިތުރުން ފީފާ ފަންޑުން ނާޖައިޒު ބޭނުންތައް ހިފައި، އެ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަވެސް ބަލަމުންދާ އިރު، މިދިޔަ އަހަރު އޮކްޓޯބަރު މަހު ފުލުހުން އެފްއޭއެމް ހައުސްއަށް ވަން ވަނުންވެސް އިންވެސްޓިގޭޓޮރީ ޗެމްބާއިން ވަނީ ފާހަގަކޮށްފައެވެ.

ފީފާއިން ބުނެފައި ވަނީ ރާއްޖެއިން މިހާތަނަށް ހިންގާފައި ތަހުގީގުގެ އިތުރުން، ފީފާއާއި އޭއެފްސީގެ ޓީމުން ރާއްޖެ އައިސް ބެލިބެލުމުން ގޯސް ކަންތައްތަކެއް ހިންގާފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތަހުގީގުގެ އަލަތު މަރުހަލާއިން ފާހަގަވާ ކަންކަމުގެ ތެރޭގައި ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ހަދިޔާ ނެގުމާއި އަމިއްލަ ނާޖައިޒު ފައިދާތައް ނެގުމުގެ އިތުރުން ފަންޑުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ލަފާކުރެވޭ ކަމަށެވެ.

ފީފާއިން ބުނެފައި ވަނީ ބައްސާމަށް މިއަދު ސަސްޕެންޑް ކުރިކަން އަންގާފައިވާ ކަމަށެވެ.

ބައްސާމްގެ އެފްއޭއެމް ދައުރު އަންނަ ޖުލައި މަހު ތެރޭގައި ހަމަވާ އިރު، އިންތިހާބެއް ނުބޭއްވި އޮތީ އެފްއޭ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުންނެވެ. އެކަންކަން ބަލަން ރާއްޖޭއަށް ފީފާއާއި އޭއެފްސީގެ ޓީމެއް އައިސްފައިވެއެވެ. އެ ޓީމުން ރަސްމީކޮށް ނިންމި ނިންމުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ބާއްވަން އުޅެގެންވެސް ވީ ނާކާމިޔާބެވެ.