މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނީ ކޮންބައެއް ބާވައެވެ. ވާދަކުރާ ސައުވީސް ގައުމުގެ ތެރެއިން ތަށި އުފުލައިލާނީ ކޮންބައެއް ބާވައެވެ. މިވަގުތު އޮތީ ހަމައެކަނި ލަފާކުރުމެކެވެ. ލަފާކުރުންތައް ބިނާވަނީ ޓީމުތަކުގެ ފޯމާއި ކޮލިޓީއާއި ތަޖުރިބާއަށް ބަލައިފައެވެ. އެގޮތަށް ބެލީމާ ހަތަރު ޓީމެއް ފާހަގަކުރެވެއެވެ. ތަޖުރިބާކާރުންގެ ތެރެއިން ވަރަށް ގިނަބައެއްގެ ނަޒަރުގައި ތަށި ހޯދާނީ މި ހަތަރު ޓީމުގެ ތެރެއިން ކޮންމެވެސް ޓީމެކެވެ. އެންމެފަހުގެ ޗެމްޕިއަން އިޓަލީ މި ހަތަރު ޓީމުގެ ތެރޭގައި ނުހިމެނެއެވެ. ދިރާސާކުރާ ގިނަބައެއްގެ ނަޒަރުގައި އިޓަލީއަށް ވިދިވިދިގެން ދެ ޔޫރޯ ކާމިޔާބެއް ނުކުރެވޭނެއެވެ. އެންމެފަހުގެ ޔޫރޯގެ ފައިނަލްގައި ހައިރާންކުރަނިވި ގޮތަކަށް އިންގްލެންޑުގެ މައްޗަށް ކުރިހޯދުނަސް އޭގެފަހުން އިޓަލީގެ ފެންވަރު ވަނީ ދަށްވެފައެވެ. ގިނަބަޔަކު ބުރަވާ ޓީމުތަކަށް ބަލައިލަމާބަހީއެވެ. ފެވަރިޓްކަމުގެ ތަރުތީބުންނެވެ.

ވަރަށް ގިނަބައެއްގެ ނަޒަރުގައި މިފަހަރުގެ ޔޫރޯގެ އެންމެ ބޮޑު ފެވަރިޓަކީ އިންގްލެންޑެވެ. އެންމެފަހުގެ ޔޫރޯގެ ފައިނަލުގައިވެސް އިންގްލެންޑް ވަނީ ކުޅެފައެވެ. އޭގެފަހުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިންގްލެންޑުގެ ފެންވަރު ވަނީ މައްޗަށް ޖެހިލައިފައެވެ. ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަބަޔަކު ބުނާ ޕެޕް ގާޑިއޯލާގެ ނަޒަރުގައިވެސް މިފަހަރު ތަށި ހޯދުން އެންމެ ގާތް ޓީމަކީ އިންގްލެންޑެވެ. ޔޫރަޕުގެ ފުޓްބޯޅައިގައި މިވަގުތު އެންމެ އިތުބާރު އެންމެ ތޫނުފިލި އެންމެ ޒުވާން މިޑްފީލްޑަރު ކަމަށް ބެލެވޭ ޖޫޑް ބެލިންހަމް ހުރީ އިންގްލެންޑުގައެވެ. ވަރަށް ބަރާބަރު ފޯމެއްގައެވެ. ކެޕްޓަން ހެރީ ކޭން ހުރީ އެއްވަނަ ދަރަޖައިގެ ފޯމުގައެވެ. ޖަރުމަނުގެ ލީގުގައި އޭނާ ވަނީ ހުސްވި ސީޒަނުގައި ގިނަ އަދަދެއްގެ ގޯލްތަކެއް ބަޔާން މިއުނިކަށް ޖަހައިދީފައެވެ. ގައުމީ ޓީމުގައިވެސް އޭނާ ހަމައެބީދައިން ސްކޯރ އެބަކުރެއެވެ. އާސެނަލްގައި ބުކާޔޯ ސަކާ ގެންދަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މެންޗެސްޓަރ ސިޓީގައި ފިލް ފޮޑެން ދަނީ ހަމަ އެކަހަލަ ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުގެ ދެ ވޯލްޑްކަޕާއި އެންމެފަހުގެ ޔޫރޯގައިވެސް އިންގްލެންޑް ކެޓީ ނަސީބު ނެތިގެންނެވެ. ކުރިއާ ޚިލާފަށް އިންގްލެންޑުގެ ޑިފެންސަކީ މިހާރު ލީކުވާ ޑިފެންސެއް ނޫނެވެ. ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހުރިހާ ޑިޕާޓްމަންޓެއްވެސް އެންމެ ބެލަންސްކޮށް ފެންނަ ޓީމަކީ އިންގްލެންޑެވެ. އެހެންވެ ގިނަބައެއްގެ ފެވަރިޓް ޓީމަކަަށް މިފަހަރު އިންގްލެންޑް ވެފައިވަނީއެވެ.

ތަޖުރިބާކާރުންގެ ތެރެއިން އެންމެ ގިނަބައެއްގެ ނަޒަރުގައި މިފަހަރުގެ ޔޫރޯ ކާމިޔާބުކުރުން އެންމެގާތް ދެވަނަ ޓީމަކީ ފްރާންސެވެ. ގަތަރުގައި މީގެ ދެއަހަރު ކުރިން ބޭއްވި ވޯލްޑްކަޕުގެ ރަނަރއަޕަކީ ފްރާންސެވެ. އެ މުބާރާތުގެ ކުއާޓަރފައިނަލްގައި އިންގްލެންޑުގެ މައްޗަށް ފްރާންސަށް ފަހުވަގުތު ކުރި ލިބުނުނަމަވެސް އެ މެޗުގައި މޮޅަށް ކުޅެފައިވަނީ އިންގްލެންޑެވެ. ފްރާންސަށްވުރެ ބޮޑަށް އިންގްލެންޑް ކޮޅަށް ތަޖުރިބާކާރުން ބުރަވުމުގެ ސަބަބަކީ އެއީއެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝޯނަކީ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާކާރެކެވެ. އެންމެފަހުގެ ދެ ވޯލްޑްކަޕުގެ ފައިނަލްކުޅެ އެއް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވެއެވެ. އެންމެފަހުގެ ދެ ޔޫރޯގެ ތެރެއިން އެއްޔޫރޯގެ ފައިނަލްގައި ކުޅެފައިވެއެވެ. އޭނާގެ ޓީމަކީ ހުނަރާއި ތަޖުރިބާއިން ފުރިފައިވާ ޓީމެކެވެ. ކީލިއަން އެމްބާޕޭ އާއި އައުރޭލިއަން ޗުއަމެނީއެވެ. އަންޓުއަން ގްރީޒްމަނާއި ތިއޯ ހެނާންޑެޒް އެވެ. އަދި އުސްމާން ޑެމްބިލޭއެވެ. އެއްޓީމެއްގައި އެންމެ ޓެލެންޓް ބޮޑީވެސް ފްރާންސްގައެވެ. އެހެންވީމާ މިފަހަރުގެ ތަށި ފްރާންސުން ކާމިޔާބުކުރިއަސް އެއީ އެއްވެސް ބަޔަކު ހައިރާންވާނެ ކަމެއް ނޫނެވެ.

މުބާރާތް ކާމިޔާބުކުރުން އެންމެގާތް ކަމަށް ބެލެވޭ ތިންވަނަ ޓީމަކީ ޖާރމަނީއެވެ. ފެވަރިޓުންގެ ލިސްޓުގެ ތިންވަނަ ޖާރމަނީއަށް ލިބެނީ އެ ޓީމުގެ ފޯމު ރަނގަޅުވެގެނަކުން ނޫނެވެ. މިވަގުތުގެ ހާލަތު ބަރާބަރުވެގެނަކުންވެސް ނޫނެވެ. ހާލަތު އޮތީ ދެރަވަރުކޮށެވެ. އެންމެފަހުގެ ދެ ވޯލްޑްކަޕާއި ޔޫރޯގައިވެސް މާބޮޑު ކަމެއް ނުކުރެވެއެވެ. އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާވެސް އެހާ ރަނގަޅެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ހުސްވި އަހަރު ކޯޗުކަމުން ހަންޒީ ފްލިކް ވަކިކޮށް ހޫލިއާން ނަގެލްސްމަން ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ. ޖާރަމަނީއާ ދޭތެރޭ އުންމީދު ކުރެވޭ އޮތީ ދެ ސަބަބެކެވެ. އެއް ސަބަބަކީ މި މުބާރާތް ކުޅެވެނީ ޖާރމަނީގައި ކަމަށް ވުމެވެ. އަމިއްލަ ގައުމުގައި ކަމަށްވުމެވެ. އަނެއް ސަބަބަކީ ބޮޑެތި މުބާރާތްތައް ޖާރމަނީން ކާމިޔާބުކުރުން ގިނަ ކަމެވެ. މިހާތަނަށް ހަތަރު ފަހަރު ވޯލްޑްކަޕް ހޯދައިފިއެވެ. ޔޫރޯގެ ޗެމްޕިއަންކަން ތިންފަހަރު ހޯދައިފިއެވެ. އެވަރުގެ ބައެއްގެ އަމިއްލަ ގައުމުގައި ކުޅެވޭ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާނެކަމަށް ބަލަންވާނީ ކޮންމެހެން ފޯމުގައިޑަށް ރިއާޔަތްކޮށްގެނެއް ނޫނެވެ.

ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ޕޯޗުގަލްއަކީ މި މުބާރާތުގައި ވާދަކުރާ ސައުވީސް ޓީމުގެ ތެރެއިން އެންމެ ވަރުގަދަ އެއްޓީމެވެ. ޓެލެންޓްގެ ގޮތުން ޕޯޗުގަލްއާ ފައިހަމަކޮށްލެވޭ އޮތީ އެހެން ދެ ޓީމެކެވެ. ޕޯޗުގަލްގެ ތަރިންނަކީ މެންޗެސްޓަރ ސިޓީގެ ބާނާޑޯ ސިލްވާ އާއި ރުބެން ޑިއާސްއެވެ. ބާސެލޯނާގެ ޖުއާއޯ ފެލިޝްއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑެޒް އެވެ. ބާސެލޯނާގެ ޖުއާއޯ ކަންސޭލޯއާއި އައްނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ޒުވާން އައު ކުޅުންތެރިންގެ ތެރެއިން ޕީއެސްޖީގެ ގޮންސާލޯ ރާމޮސް އާއި އޭސީ މިލާނުގެ ރަފައެލް ލިއާއޯ ފާހަގަކޮށްލެވެއެވެ. ޕޯޗުގަލްގެ ކޯޗަކީ އެންމެމަތީ ފެންވަރުގައި ތަޖުރިބާތަކެއް ހޯދާފައިވާ ރޮބާޓޯ މާޓިނެޒް އެވެ. އެއީ ބެލްޖިއަމްގެ ކުރީގެ ކޯޗެވެ. އެހެންވީމާ މިފަހަރުގެ މުބާރާތް ކާމިޔާބުކުރުން އެންމެގާތް ހަތަރުވަނަ ޓީމަކީ ޕޯޗުގަލް ކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވެނީއެވެ.