ސްޕެއިނުން ޔޫރޯ 2024 ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ ތެރޭގައި ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އާއި ރޮޑްރީ، ޖިބްރާލްޓާއާ ގުޅޭގޮތުން ކިޔާފައިވާ ޗޭންޓެއްގެ މައްސަލަ ޔޫއެފާއިން ބަލަން ފަށައިފިއެވެ.
ޔޫރޯ 2024 ކާމިޔާބުކޮށް، ގައުމަށް އެނބުރި ގޮސް ސްޕެއިނުން ވަނީ އުފާފާޅުކުރުމުގެ ހާއްސަ ހަރަކާތެއް މެޑްރިޑްގައި ބާއްވައިފައެވެ. އެ ހަރަކާތުގައި އެކިއެކި ޗޭންޓްތައް ސަޕޯޓަރުންނާ އެކުގައި ކިޔާފައިވާ އިރު، ޖިބްރާލްޓާއަކީ ސްޕެއިންގެ ސަރަހައްދެއް ކަމަށް ބުނެ އަޑު އުފުލާފައިވާ ޗޭންޓަކަށް ވަނީ ސަމާލުކަން ހުއްޓިފައެވެ. ޖިބްރާލްޓާއަކީ ސްޕެއިންގެ އެންމެ ދެކުނު ސަރަހައްދުގައި އިނގިރޭސީންގެ ދަށުގައި އޮންނަ ވަކި ގައުމެކެވެ. އެގައުމު އަނބުރާ ދޭން ސްޕެއިނުން އަބަދުވެސް ދަނީ އެދެމުންނެވެ. އަދި އެކަމަށް ދެ ގައުމުގެ ދެމެދުގައި ހިޔާލުވެސް ތަފާތު ވެފައިވެއެވެ.
ސްޕެއިން ކެޕްޓަން މޮރާޓާ އާއި ރޮޑްރީގެ ޗޭންޓްގެ މައްސަލައިގައި ޖިބްރާލްޓާގެ އެފްއޭއިން ޔޫއެފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެ ޝަކުވާގައި ބުނެފައި ވަނީ ޔޫރޯ ކާމިޔާބީއާ އެކު ސްޕެއިންގެ އުފާފާޅުކުރުންތަކުގައި އެގައުމުގާ ދިމާކޮށްލުމުގައި ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފުޓުބޯޅައިގައި އެފަދަ ކަންކަމަށް ޖާގަ ނޯންނާނެ ކަމަށް ދެކޭ ކަމަށްވެސް ޖިބްރާލްޓާއިން ބުނެފައިވެއެވެ.
ޖިބްރާލްޓާ ވަކި ގައުމެއްގެ ގޮތުގައި އޮތް އިރު، އެ ގައުމަކީ 2013 ވަނަ އަހަރުން ފެށިގެން ޔޫއެފާގެ މެމްބަރު ގައުމެކެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024