މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކަ އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 907،066 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު، 9.9 ޕަސެންޓުގެ އިތުރު ވުމެކެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 825،239 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. އެއީ 90،000 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުން އައިސްފައިވާ އިރު، އެ ގައުމުން އައީ 86،000 ފަތުރުވެރިންނެވެ.

  • ޗައިނާ - 102,706
  • ރަޝިއާ - 91,911
  • އިނގިރޭސިން - 86,083
  • އިޓަލީ - 75,731
  • ޖަރުމަނު - 73,357
  • އިންޑިއާ - 54,786
  • ފްރާންސް - 32,455
  • ޔޫއެސްއޭ - 32,049
  • ސްވިޒަލޭންޑް - 21,528
  • ޕޮލެންޑް - 17,502

މިހާރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 5,815 ފަތުރުވެރިންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 7.8 ދުވަހު މަޑުކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.