ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތް ނިންމާލުމަށްފަހު ފުރާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. ފީފާ އާއި އޭއެފްސީ އޮފިޝަލުން ރާއްޖެ އައިސްފައި ވަނީ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ، އެފްއޭއެމްގެ އިދާރީ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް އެ ޓީމުން ރާއްޖެ ފުރައިގެން ދިޔަތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ނާޒުކުކޮށް އޮތް މި ދަޅިވަޅުގައި ފީފާގެ އެންގުމަކަށް އެތައް ބަޔަކު ތިބީ އިންތިޒާރު ކޮށްގެން ނަމަވެސް، އެ ނިންމުމުގެ ހަބަރެއް އަދިވެސް ނެތެވެ. ފީފާ އާއި އޭއެފްސީން އެފްއޭއެމްއަށް ހަދަން ޖެހޭ ގޮތް ބުނެގެން ނޫނީ ރާއްޖޭގެ ފުޓުބޯޅަ ގުޑުވާވެސް ލެވެން ނެތް އިރު، އެ ނިންމުން އަވަސް ކުރަން އަދި މަޝްވަރާކޮށްފައެއް ވެސް ނުވެއެވެ.

"ފީފާ އާއި އޭއެފްސީ ޓީމުގެ ނިންމުމުގެ ހަބަރެއް އަދި ވެފައެއް ނުވޭ. އެ ނިންމުން ލިބުނީމަ ދެން އިތުރަށް ކުރިއަށް ދާން ޖެހޭނެ ގޮތެއް އެނގޭނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސްއާ ފުޓުބޯޅައިގެ ސުވާލު ކުރުމުންވެސް ދެއްވާފައި ވަނީ އެ ޖަވާބެވެ. ފީފާ އާއި އޭއެފްސީގެ އެންގުމަށް މަޑުކޮށްލައިގެން ހުރި ކަމަށް މުހައްމަދު ތޮލާލް (ތޮލާ) ވަނީ ވިދާޅުވެފައެވެ. އެއީ ފީފާ އާއި އޭއެފްސީ އަކީ އެފްއޭއެމްގެ ބެލެނިވެރި ފަރާތް ކަމަށްވާތީއެވެ.

އެފްއޭއެމްގެ އިންތިހާބު، މިދިޔަ ތިން މަހު ތެރޭގައި ދެ ފަހަރު ބާއްވަން އުޅެގެންވެސް އެކަން ހުއްޓުވީ ފީފާ އާއި އޭއެފްސީގެ އެންގުމަށެވެ. އެއީ އިންތިހާބުގެ އިޖުރާއަތްތަކުގެ މައްސަލަތަކުގެ އިތުރުން އިންތިހާބަށް އެފްއޭއެމްގެ މިހާރުގެ ވެރިން ނުފޫޒު ފޯރުވައި ގިނަ މައްސަލަތަކެއްވެސް ކުރިމަތިވުމާ އެކުގައެވެ. އޭގެ އިތުރުން އެފްއޭއެމްގެ ތެރޭގައި މި ވަގުތު ގިނަ މައްސަލަތަކެއް އޮތް އިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަވެސް ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ވަނީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ކޮށްފައެވެ.

އެ ހާލަތަށް އެފްއޭއެމް ގޮސް، ބައްސާމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، ބައްސާމް އަދިވެސް އަމިއްލަފުޅަށް އެފްއޭއެމް ދޫކޮށްލަންވަން ވިސްނަވާފައެއް ނުވެއެވެ. އަދި ދެން އޮތް އިންތިހާބަކަށްވެސް ކުރިމަތިލައްވާނެ ކަމަށް ބެލެވެއެވެ.

އެފްއޭއެމްގެ އިންތިހާބަކަށް އެންމެންވެސް އިންތިހާބު ކުރަމުންދާ އިރު، މިހާރު އޮތް އިންތިހާބީ އެކްސްކޯގެ ދައުރު އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ހަމަވާނެއެވެ. އެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބެއް ކޮންމެހެން ބާއްވަން ލާޒިމު ކުރެއެވެ. އެ ނޫން ގޮތަކަށް ފުޓުބޯޅަ އަލުން ހިންގަން އެއްވެސް ގޮތެއް ނެތް އިރު، އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިހާބު ކުރިން ބަދަލެއް ގެންނަން ޖެހޭ ނަމަވެސް، ފީފާގެ ނިންމުން އަވަސްވުން ރާއްޖެއަށް މުހިއްމެވެ.