ފްރާންސްގެ ކެޕްޓަން އަދި އެޓީމުގެ ތަރި ކިލިއަން އެމްބާޕޭގެ ސޮއި ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ރެއާލާއި އެމްބާޕޭގެ ވާހަކައަކީ މިދިޔަ ދެތިން ޓްރާންސްފާ ސީޒަނެއްގައިވެސް އެންމެ ބާރަށް ދެކެވުނު ވާހަކައެވެ. އެމްބާޕޭ މީގެ ދެ ސީޒަންގެ ކުރިން، ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައި ރެއާލަށް ދާން އެމްބާޕޭ އެއްބަސްވި ނަމަވެސް، ޕީއެސްޖީން ދޫ ނުދީގެން ޖެހުނީ މަޑުކުރާށެވެ. އެފަހަރު އެމްބާޕޭ ދެ އަހަރަށް އެއްބަސްވުން އާކުރުމާއެކު، އެ އެއްބަސްވުން ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ.
މި ސީޒަން ނިންމާ އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލަން އުޅުމުން، ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ޖެހޭނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ. އެހެން ނަމަވެސް، އެކަން ނުކުތް އެމްބާޕޭ ވަނީ ރެއާލަށް ދާން މާކުރިން ނިންމާފައެވެ. އެމްބާޕޭ ރެއާލަށް ދާން އަނގަބަހުން އެއްބަސްވީ ފެބްރުއަރީ މަހުގައެވެ. އަދި މި މަސް ތެރޭގައި ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އެމްބާޕޭ ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ، އިއްޔެ ރެއާލަށް ސޮއިކުރިކަމަށް އިތުބާރު ހުރިހާ ނޫހަކުން ވަނީ ޔަގީންކޮށްދީފައެވެ. ރެއާލުން އަންނަ ހަފުތާ، އެމްބާޕޭ ރަސްމީކޮށް އިއުލާނުކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާފައި ވަނީ 256 ގޯލު ޖަހައިދީފައެވެ. ފުރަތަމަ 2017 ވަނަ އަހަރު ލޯނަކަށް މޮނާކޯއިން އެމްބާޕޭ ޕީއެސްޖީއަށް ގޮސްފައިވާ އިރު، ދާއިމީ ޓްރާންސްފާއެއްގައި އެ ކްލަބަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ.
އެމްބާޕޭ ރެއާލާއެކު ސޮއި ކޮށްފައި ވަނީ 2029 ވަނަ އަހަރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައެވެ. އެމްބާޕޭއަށް އަހަރެއްގެ މައްޗަށް ރެއާލްގައި 15 މިލިއަން ޔޫރޯގެ މުސާރައެއް ޖެހޭނެއެވެ. އޭގެ އިތުރުން އެއްބަސްވުމުގައި ހިމެނޭ އަހަރުތަކަށް ބަހާލައިގެން 150 މިލިއަން ޔޫރޯގެ ސައިނިން ބޯނަސްއެއް އެމްބާޕޭއަށް ދޭން ރެއާލުން ވަނީ ނިންމައިފައެވެ. އަދި އެމްބާޕޭއަށް އިމޭޖް ރައިޓްސްގެ ކޮންޓްރޯލްވެސް ރެއާލަށް އެއްކޮށް ނުނެގޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ