"ޓްރީޓީ ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަސް" އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމަށް ކެބިނެޓުން ލަފާދީފައިވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ލަންކާއާއެކު އެއްބަސްމެއްގައި ސޮއިކުރުމާ ބެހޭ ކަރުދާހެއް ހުށަހަޅައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ޓްރީޓީގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުން ކަމަށެވެ.

އޭގެ އިތުރުން އެ ޓްރިޓީގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2011 ވަނަ އަހަރުއެވެ.