ސްޕެނިޝް ސުޕަ ކަޕް މެޗުތައް ސައުދީ އަރަބިއާގައި ކުޅުމަށް އެއްބަސްވި އެއްބަސްވުމުގައި ޖެރާޑް ޕީކޭ ކޮރަޕްޝަން ހިންގާފައިވޭތޯ ބަލަން ފަށައިފިއެވެ.

ކުރިން އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާއަށް ކުޅުނު ސްޕެއިންގެ ލެޖެންޑަރީ ޑިފެންޑަރު ޕީކޭއަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މައްސަލަ ބަލަމުންދަނީ އޭނާގެ ކުންފުންޏެއް ކަމަށް ކޮސްމޯސްއިން ހިންގާފައިވާ މުއާމަލާތްތަކެއްގެ ސަބަބުންނެވެ.

ސްޕެނިޝް ސުޕަ ކަޕް ފުރަތަމަ ސައުދީގައި ކުޅެފައި ވަނީ 2020 ވަނަ އަހަރުއެވެ. އޭގެފަހުން ކޮވިޑް 19 ގެ ހާލަތުގައިވެސް 2022 ވަނަ އަހަރުގެ ސުޕަ ކަޕްވެސް ކުޅުނީ ސައުދީގައެވެ. ޕީކޭ 2022 ވަނަ އަހަރު ރިޓަޔާވުމުގެ ކުރިން ދެ ފަހަރުވެސް ސައުދީ އަރަބިއާގައި ސުޕަ ކަޕް ކުޅެފައިވެއެވެ.

ސްޕެއިންގެ އިދާރާތަކުން ބުނީ އުމުރުން 37 އަހަރުގެ ޕީކޭގެ ކޮސްމޯސްއަކީ ސައުދީ އިދާރާތަކާއި ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނާ ދެމެދު ޑީލް ހަދަން މަޝްވަރާ ކުރި ބްރޯކަރު ކުންފުނި ކަމަށެވެ. އެ ކުންފުނިން ޑީލް ބްރޯކަރުގެ ގޮތުގައި 40 މިލިއަން ޔޫރޯ ނެގި ކަމަށްވެސް އިދާރާތަކުން ބުނެއެވެ. އަދި ސައުދީއަށް ސުޕަ ކަޕް ގެންދިޔަ ޑީލްގައި ސައުދީން ސްޕެއިން އެފްއޭއަށް 400 މިލިއަން ޔޫރޯ ދީފައިވާ ކަމަށްވެސް ޝައްކު ކޮށްފައިވެއެވެ.

ސްޕެއިންގެ ފަނޑިޔާރު، ޑޭލިއާ ރޮޑްރީގޯ ބުނެފައި ވަނީ ސުއުދީ އާއި ސްޕެއިން އެފްއޭއާ ދެމެދު ހިނގާފައިވާ އެ ފައިސާގެ މުއާމަލާތްތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި އެކަމުގައި ބަލަން ޖެހޭ މައްސަލަތައް މިހާރު ބަލަން ފަށައި، އެ މައްސަލައިގައި ތަހުގީގު ކުރާ މީހުންގެ ލިސްޓެއްވެސް އެކުލަވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ ޕީކޭއެވެ.

ސްޕެއިންގެ ފުޓުބޯޅަ އިދާރާ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިންގައިގެން މިހާރު ސަރުކާރުން ވަނީ އެ އިދާރާގެ ކޮންޓްރޯލް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ސްޕެއިން އެފްއޭގެ އިދާރާވެސް ދާދިފަހުން ރެއިޑް ކޮށްފައިވާ އިރު، އެފްއޭގެ ކުރީގެ ރައީސް ލުއިސް ރުބެލިއަސް މިހާރު ވަނީ ހައްޔަރުވެސް ކޮށްފައެވެ.