ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގައި ގޯލްކީޕަރު ޖީސަސް އޮވޯނޯ ގައިގައި ޖެހި ވެއްޓުމާއެކު ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ޓެނެރީފްގެ ފޯވަޑް ޖީސަސް ޑި މިގޭލް މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ކީޕަރު ފުޓުބޯޅަ ހުއްޓާލާފާނެ ކަމަށް މީޑިއާތައް ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ކީޕަރު ދަނޑުމަތިން މިގޭލް ގައިގައި ޖެހުމުން މިގޭލް ދަނޑު މައްޗަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދަނިކޮށް ހާޓް އެޓޭކެއް ޖެހުނެވެ. އެއާއެކު ކުއްލި ގޮތަކަށް ފޯވަޑް ވަނީ މަރުވެފައެވެ.
އެންޑޯރާގެ ކީޕަރުގެ ގާތް ފަރާތެއް ކަމަށްވާ އެކުއެޓޯރިއަލް ގީނީ ފުޓުބޯޅަ އިދާރާގެ ކޯޑިނޭޓަރު އަނާ މަޔޭ ނޫސްތައް ބުނީ އޮވޯނޯއާ ވާހަކަ ދައްކައިގެން އެ ހިތާމައިން އަރައިގަތުމަށް ގިނަ ބަޔަކު ބުނި ނަމަވެސް، އޭނާ ހުރީ އުނދަގޫ ހާލަތެއްގައި ކަމަށެވެ. ހާއްސަކޮށް އޮވޯނޯ އެންމެ ބޮޑަށް މާޔޫސްވީ މިގޭލްގެ އަންހެނުންނާއި އެއް އަހަރާ ބައިގެ ދަރިފުޅަށް ލިބުނު ހިތާމައިގެ ސަބަބުން ކަމަށްވެސް އަނާ ބުންޏެވެ.
އަނާ ބުނީ އޮވޯނޯ މިގޭލްގެ އާއިލާގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި، އެ ހިތާމައިން އަރައިގަތުން އޮވޯނޯއަށް އުނދަގޫވެފައިވާ ކަމަށެވެ.
މިގޭލް މަރުވުމުގެ ހާދިސާއާ ގުޅިގެން އޮވޯނޯގެ އާއިލާއަށްވެސް ގިނަ ބަޔަކު ފުރައްސާރަކޮށް ދިމާކުރަމުންދާ ކަމަށް އަނާ ބުންނެވެ. އެގޮތުން ވެލެންސިއާގައި ކިޔަވަމުންދާ އޮވޯނޯގެ ކޮއްކޮއާވެސް ގިނަ ބަޔަކު ދިމާކޮށްފައިވާ އިރު، އެ އާއިލާއަށް އެ ފުރައްސާރަ ހައްގު ނޫން ކަމަށްވެސް އަނާ ބުންޏެވެ.
އޮވޯނޯގެ މަންމަވެސް ވަނީ އެ ހާދިސާއާ ގުޅިގެން ސްޕެއިނަށް ގޮސްފައެވެ. އޮވޯނޯގެ އާއިލާއަކީ ނެދަލޭންޑްސްގައި ވަޒަންވެރިވެގެން އުޅޭ އާއިލާއެކެވެ. އަނާ ބުނީ ބައެއް ސްޕެއިން ނޫސްތަކުން އޮވޯނޯއާ ދޭތެރޭ ނަފުރަތު އުފައްދާ ގޮތަށް ވާހަކަ ދައްކާ ކަމަށާއި، އޮވޯނޯއަކީ މީހަކު ގަސްދުގައި މެރުމުގެ ނިޔަތެއް އެއްވެސް ހާލަތެއްގައި ގެންގުޅޭނެ ކުޅުންތެރިއެއް ނޫންކަން ޔަގީން ކަމަށެވެ.
އަނާ ބުނީ އޮވޯނޯ މިހާރު ނަފްސާނީ އެހީތެރިކަން ހޯދާ ކަމަށާއި، އާއިލާއަށް މިވަގުތު ފުރައްސާރަ ނުކުރަން އެދޭ ކަމަށެވެ.
ފޯވަޑް މަރުވި ހާދިސާއާ ގުޅިގެން އޮވޯނޯ ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގި ދުވަހަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ ދުވަސް ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ހިންގާނަމަ، އެކަމަށްވެސް ފުރިހަމައަށް އެއްބާރުލުން ދޭން އޮވޯނޯ ބުނެފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ކޮމެންޓް