އާޓަން ކެޕިޓަލް އިން އާންމުކުރި 2026 ވަނަ އަހަރުގެ "ޕާސްޕޯޓް އިންޑެކްސް" ގައި، 182 މަންޒިލަށް ދަތުރުކުރެވޭ، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަށް ލިބިއްޖެއެވެ.

އެ އިންޑެކްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޔޫއޭއީގެ ޕާސްޕޯޓުގައި 138 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭއިރު، 44 މަންޒިލަކަށް އޮން-އަރައިވަލް ވިސާ ނުވަތަ ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން ޖެހެނީ އެންމެ 16 ގައުމަކަށެވެ.

މި ލިސްޓުގެ ދެވަނައިގައި 175 މަންޒިލާއެކު ސިންގަޕޫރާއި މެލޭޝިއާ އޮތްއިރު، 174 މަންޒިލާއެކު ތިންވަނައިގައި އޮތީ ސްޕެއިން އެވެ. މީގެ އިތުރުން، 170 މަންޒިލާއެކު އިނގިރޭސިވިލާތް ހަތްވަނައިގައި އޮތްއިރު، އެމެރިކާ އޮތީ 167 މަންޒިލާއެކު ދިހަވަނައިގައެވެ. ޔޫއޭއީން ވަނީ ދެވަނައިގައި އޮތް ގައުމުތަކަށް ވުރެ ހަތް މަންޒިލުގެ ކުރިއެރުމެއް ހޯދާފައެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީ (ވާމް) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަރަޖައިން ދައްކުވައިދެނީ ބައިނަލްއަގުވާމީ މައިދާނުގައި ޔޫއޭއީއަށް އޮތް އިތުބާރާއި އެ ގައުމުގެ ހައިސިއްޔަތެވެ. ރިޕޯޓުތައް ބުނާ ގޮތުން، 2018 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދަމަހައްޓަމުން އަންނަނީ ޔޫއޭއީންނެވެ.

އާޓަން ކެޕިޓަލްގެ ޕާސްޕޯޓް އިންޑެކްސްއަކީ ގައުމުތަކުގެ ވިސާގެ އުސޫލުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތުން ވަގުތަށް ތަފާސްހިސާބުތައް އާކުރަމުން އަންނަ ޕްލެޓްފޯމެކެވެ.