މި އަހަރުގެ ޖުލައި މަހުގައި ފްރާންސްގެ ޕެރިހުގައި ފަށާ, އޮލިމްޕިކްސް 2024 ގައި އެތުލެޓިކްސްއިން ރާއްޖެ ތަމްސީލުކުރުމަށް އިބާދުﷲ އާދަމް ހޮވާފައިވާ އިރު، ބެޑްމިންޓަންއިން ދާނެ އެތުލީޓަކީ ފާތިމަތު ނަބާހާ އަބްދުލްރައްޒާގް ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.
ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އިބާދުﷲ އަށް އޮލިމްޕިކްސްއިން ފުރުސަތު ދީފައި ވަނީ ޓައިމް ޓްރައިލްސްއަށް ބަލައިގެންނެވެ. އެންމެފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރަޔަލްސްގައި އިބާދުﷲ ވަނީ 0.50 ސިކުންތުން 100 މީޓަރު ދުވެފައެވެ.
އިބާދުﷲ މިއަހަރުގެ އިވެންޓްތަކަށް އެނބުރި އައިސްފައި ވަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް އިބާދުﷲ ފެނިގެން ގޮސްފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް، އަނިޔާއިން ރަނގަޅުވެ، އިބާދުﷲ އަންނަނީ އަނެއްކާވެސް ތަފާތު ދައްކަމުންނެވެ.
ޓޯކިޔޯގައި 2021 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްއިންވެސް ފުރުސަތު ހޯދި ނަބާހާ، މިފަހަރުވެސް ވަނީ ބެޑްމިންޓަންއިން ދޭ ޓްރައިޕާޓައިޓް ފުރުސަތު ހޯދައިފައެވެ. އެ ފުރުސަތަކީ ދައުވަތުން ދޭ ފުރުސަތެއް ނަމަވެސް، ފުރުސަތު ލިބެނީ އަހަރުގެ ރޭންކިންއަށް ކުޅޭ މުބާރާތްތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ.
ރާއްޖެއަށް މިފަހަރުވެސް ޓްރައިޕާޓައިޓް ފުރުސަތު ބެޑްމިންޓަންއިން ލިބިފައިވާ އިރު، ދެން އޮލިމްޕިކްސްގައި ވާދަކުރަނީ ސްވިމިންނާއި އެތުލެޓިކްސް އަދި ޓޭބަލް ޓެނިހުންނެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށަކުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގެ ސްވިމިން އާއި އެތުލެޓެކްސް އިވެންޓުގައި ދިޔައީ ބައިވެރިވަމުންނެވެ. އެއީ އޮލިމްޕިކް ކައުންސިލްގެ ދައުވަތުގައި ދޭ ސްލޮޓްތަކުގައެވެ. އޭރުން ފެށިގެން އައިސް، ލަންޑަންގައި 2012 ގައި އޮތް އޮލިމްޕިކްސްއަށް މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާނުގައި އޮތް އޮލިމްޕިކްސްއަށް ނަބާހާ ވަނީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ވާދަކޮށްފައެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވެގެންދާނީ އޮލިމްޕިކްސްގައި ތާރީހީ އަހަރަކަށެވެ. އެއީ މިއަހަރަކީ ރާއްޖޭގެ އެތުލީޓަކު ކޮލިފިކޭޝަން ޔަގީންކޮށްގެން އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޝަރަފު ހޯދީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީއެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް