އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދީ ބުރަ މަސައްކަތުން ކަމަށާއި، އެ ޝަރަފަށް ޝުކުރު އަދާކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކޮށް، ރާއްޖެ އައުމުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.
ދީމާއަށް މަރުހަބާ ކިޔަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އިވެންޓުގައި މިނިސްޓަރު ރާފިއު ވިދާޅުވީ ދީމާ ހޯދި ކާމިޔާބީއަކީ ގައުމުގެ ކުޅިވަރު ތާރީހުގައި މިހާތަނަށް ލިބިފައި ނުވާ ޝަރަފެއް ކަމަށެވެ.
"ކުޅިވަރުގެ މައިދާނުގައި މިހާތަނަށް ލިބިފައިނުވާ ޝަރަފެއް ގައުމަށް ހޯއްދައިދެއްވީތީ ދީމާއަށް ޝުކުރު އަދާކުރަން. ދީމާގެ މަސައްކަތުން ލިބުނު ކާމިޔާބީގެ ފަހަތުގައި ވަރަށް މުހިންމު ސަބަބުތަކެއް އެބައޮތް. ފުރަތަމަވެސް އެ ކާމިޔާބީއަށް ދީމާއަށް އެހީތެރިވެދިން ޓީމުގެ މަސައްކަތް ފާހަގަކުރަން. ދީމާގެ މި ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތެއް. އެއީ އެއް ރެޔަކު ނިދާލާފައި ހޭލައިގެން ވާ ކަމެއް ނޫން. ކުޅިވަރުގައި އޮންނާނެ އުސޫލެއް. ލެޖެންޑަކަށްވަނީ 10 އަހަރު ދުވަހު، ދިހަ ހާސް ގަޑިއިރު އެ ކުރާ ކަމެއްގައި ޝާމިލުވެގެން ދިޔައީމަ. އަޅުގަނޑަށް އިވިއްޖެ ދީމާވެސް 10 އަހަރު ކޮށްފިކަމަށް އެ ކުރި މަސައްކަތުގައި،" މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު މިއަދު ވަނީ ދީމާގެ މައިންބަފައިންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ދީމާގެ މައިންބަފައިން ދީމާއަށްޓަކައި ހޭދަކުރާ ވަގުތާއި ދީމާގެ ކިޔެވުން އޮންލައިންކޮށް ހަމަޖައްސަން ކުރާ މަސައްކަތާއި އާއިލާއާ ދުރުގައި އެ ހޭދަކުރި ވަގުތު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން، ޓީޓީގެ އާއިލާއިން ކުރަމުންދާ ބުރަ މަސައްކަތްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާފިއު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނައުމާ ދިމާލަށް މިސްރާބު ހިފާފައިވާ ކަމަށެވެ. އެގޮތުން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި، އެތުލީޓުންނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކުރެވޭނެ ގާބިލު ޓީމުތައް ތައްޔާރުކުރުމުގެ މަސައްކަތް އެކިއެކި ފަންތީގައި ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު