ހޭންޑްބޯޅަ ކޯޓު އިންޑޯ ކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރު ނޫނީ، އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.

ރާފިއު ހޭންޑްބޯޅަ ކޯޓުގެ އަދާހަމަ ހިއްސާކޮށްފައި ވަނީ މިރޭ ކުރިއަށްދިޔަ "އަހާ ފޯރަމް"ގައި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޭންޑްބޯޅަ ކޯޓު ހިޔާ ނުކޮށް، އައުޓްޑޯގައި ކުޅެމުންދިޔުމާއެކު އެކަމުގެ ސަބަބުން ކުރިން ގިނަ އުނދަގޫތަކަކާ ކުރިމަތިވަމުން ގޮސްފައިވާ އިރު، އެ ކޯޓު އިންޑޯ ކުރުމުގެ މަސައްކަތް ފުރަތަމަ އިއުލާނުކޮށްފައި ވަނީ 2024 ވަނަ އަހަރުއެވެ. އޭގެފަހުން އަމަލީ މަސައްކަތް ފަށައި، މިދިޔަ އަހަރު މެދުތެރެއަށް ނިންމާލަން ފުރަތަމަ މަސައްކަތް ކުރި ނަމަވެސް، އެކިއެކި ކަންކަމާހެދި މަސައްކަތް ދިގުލައިގެން ދިޔައެވެ. ރާފިއު ކުރިން ވިދާޅުވީ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތަށް ތަކެތި ހޯދުމުގައި އެކިއެކި ދަތިތައް ދިމާވި ނަމަވެސް، އެސޯސިއޭޝަނާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އޭގެފަހުން އެތަނަށް ބޭނުންވާ ފްލޯރިން ހޯދުމަށް އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް)އާއެކު މަސައްކަތް ކުރައްވާ މިހާރު ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު މިރޭވެސް ފާހަގަކުރައްވާފައިވެއެވެ. ރާފިއު ވިދާޅުވީ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅަށް ކޯޓު ނިމޭނެ ކަމަށާއި، އޭގެން ފައިދާތަކެއްވެސް ކުރާނެ ކަމަށެވެ.

"ތަންކޮޅެއް ކުރިން އަމާޒުވި ސުވާލެއް، ހަނދާން ވަނީ 2024 ވަނަ އަހަރު އެތުލީޓްސް ފޯރަމްއެއްގެ ތެރެއިން އައި ސުވާލެއް ކަމަށް. އެއީ ދެން ވިއްސާރަވެސް ދުވަސްކޮޅެއް. އޭރު އައި ސުވާލަކީ ހޭންޑްބޯޅަ ކުޅޭތަން އިންޑޯއަކަށް ބަދަލުވަނީ ކޮންއިރަކުތޯ، އެކަމަށް އައި ސުވާލެއް. މުބާރާތްތައް ދިގުލައިގެން ގޮސް، އުނދަގޫތައް އޭގެން ކުރިމަތިވުމާވެސްއެކު. އެފަހަރު ދެންނެވިން އިރާދަކުރެއްވިއްޔާ އިންޑޯއަކަށް ބަދަލުކުރާނަމޭ. އިންޑޯއަކަށް ބަދަލުކުރީމަ ފައިދާތައް އެބަހުރި. ބެކް ޓު ބެކް ގިނަ ވަގުތުތަކުގައި ކުޅެވޭނެ. ވިއްސާރަވި ނަމަވެސް، މެންދުރު ނަމަވެސް އޭރުން ކުޅެވޭނެ. ޓާގެޓް ކުރީ މިދިޔަ އަހަރަށް ނިންމާލަން. އެކަމަކު ދިމާވި އެކި ސަބަބުތަކާހެދި ނުނިމުނު. އެސޯސިއޭޝަނާވެސް ގުޅިގެން އެކަން މި ކުރަނީ. އެކަމަކު މިހާރު އިރާދަކުރެެއްވިއްޔާ އެތަނުގެ ފްރޭމް އެއްކޮށް އެ ނިމެނީ. ބޭނުންވާ ސާފެސްވެސް ޕޭމަންޓް ހަދާ ނިންމާފައި، އެކަންވެސް އެ ހުރީ ނިމިފައި. ހޭންޑްބޯޅަ ކޯޓު ނިމުނީމަ މިހާރު ކުޅުންތެރިންނަށް އެ އަންނަ ޕްރެޝަރު ކުޑަވެގެން ދާނެ،" ރާފިއު މިރޭ ވިދާޅުވިއެވެ.

18 އޮކްޓޯބަރު 2026، މާލެ، "އަހާ" ފޯރަމްގެ ދިހަވަނަ އެޕިސޯޑްގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިނިސްޓަރު ރާފިއު ފާހަގަކުރެއްވީ ކުޅިވަރަށް ބަދަލުތައް ގެންނަމުން މިދަނީ ދިގު ރާސްތާ ޕްލޭނެއްގެ ތެރެއިން ކަމަށެވެ. އަދި މިހާރު ހުރި ވަސީލަތްތައް މަދުކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިހާރު ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަން ނިންމާފައިވާކަން މިރޭވެސް ހިއްސާކުރައްވައިފައެވެ.

"އެންމެ ވެނިއުއެއް މި ބޮޑު އާބާދީއަށް މަދު. ކަންދިމާކުރި ގޮތުން މިވީ 30 އަކަށް އަހަރު ތެރޭގައިވެސް ބޭނުންކުރަމުން މިދަނީ އެންމެ އިންޑޯއެއް. އެއީ އެކިއެކި ކުޅިވަރަށް. އެހެންނަމަވެސް އެކަން ބަދަލުކުރުމަށް ސަރުކާރުން މިވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދެއަކުން ދެ ބިން ހަމަޖައްސާފައި ދެއްވާފައި. އެއީ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އެޅުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާފިއު ފާހަގަކުރެއްވީ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެ ކޮމްޕްލެކްސްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ވިލިމާލޭގައިވެސް ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅިގެންދާނެ ކަމަށެވެ. އަދި އެ ކޮމްޕްލެސްކްތަކުގައި ހޭންޑްބޯޅަ ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާފިއު ވިދާޅުވީ މިސްރާބު މި ހުރީ ކުރިއަށް އޮތް ހަތް ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގައި ރީޖަނަލް ގޭމްސްއެއް ހޯސްޓް ކުރަން ވިސްނުން އެބަހުރި ކަމަށާއި، އެ ޓާގެޓަށް ދާން ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ކުޅިވަރު ވަސީލަތްތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.