ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. ނޭޝަނަލް ފުޓްސަލް އެރީނާގެ މަސައްކަތް މުޅިން ނިންމާލުމަށް ލިއޯ ޓްރޭޑާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
ރާއްޖޭގައި އިންޑޯ ފުޓްސަލް އެރީނާއެއް ނެތުމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، ރާއްޖޭގައި މިހާރު ފުޓްސަލް ކުޅެމުން ދަނީ މުޅިންވެސް އައުޓްޑޯ ޕިޗުތަކުގައެވެ. ފުޓްސަލްއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރަށްވެފައިވާ އިރު، ގައުމީ ޓީމަށްވެސް ވަނީ އިންޑޯއެއް ނެތުމުގެ މައްސަލަ ބޮޑުވެފައެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި މިއަހަރު ހޯދާފައިވާ އިރު، ދާދިފަހުން ޗައިނާ މުބާރާތެއްގައިވެސް ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.
ހުޅުމާލޭގައި އަޅާ އެރީނާއަކީ 21 މީޓަރުގެ އުސްމިނަށް ބިނާކުރާ މި މަލްޓި ލެވެލް އިންޑޯ އެރީނާއެކެވެ. އެރީނާ ވެގެންދާނީ ބައިނަލްއަގުވާމީ ފީފާގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އެތަނުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަސް ކޯޓު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ އިރު ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި އެމެޗު ކޯޓު އަދި ޖުމްލަ 4 ޕްރެކްޓިސް ކޯޓު ހިމެނޭނެއެވެ.
މިނިސްޓްރީން ބުނެފައި ވަނީ ފުޓްސަލް ކޯޓުތައް އަޅާނީ ފީފާ މިންގަނޑުގެ ކުޝަންޑް ވައިނައިލް ފްލޯރިން ބޭނުންކޮށްގެން ކަމަށެވެ. އެއީ ޝޮކް އެބްޒޯބްކުރާ މެޓީރިއަލްގައެވެ. އޭގެ އިތުރުން ކޯޓުތަކުގައި އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ޒަމާނީ ފްލޯރިން ބޭނުންކުރާނެ ކަމަށްވެސް މިނިސްޓްރިން ބުނެފައިވެއެވެ.
އޭގެ އިތުރުން ބެލުންތެރިންނަށް މައި މެޗު ކޯޓުގައި 900 މީހުންނަށް ބެލޭނެ ސްޕެކްޓޭޓާ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހިމެނޭނެއެވެ. އަދި ދެވަނަ ފަންގިފިލާގައި ހާއްސަ ވީއައިޕީ ލައުންޖަކާއި އަށް ކޯޕަރޭޓް ބޮކްސް ހުންނާނެއެވެ. އެއާއެކު ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ހާއްސަ ދޮރުތަކާއެކު، ޓީމު ލޮކަރު ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔާސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ޓްރެއިނިން ހޯލަކާއި އިދާރީ އޮފީސްތައްވެސް އެރީނާގެ ކުރެހުމުގައި ހިމެނެއެބެ.
ފުޓްސަލްއަށް ހާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ކޮމެންޓް