ރާއްޖޭގެ ކުޅިވަރަށް އިންޑޯގެ ވަސީލަތްތަކުގެ ބޭނުން ބޮޑު ކަމަށާއި، އެ ވަސީލަތްތަކަކީ އެލީޓް އެތުލީޓުން އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރާ މުހިއްމު ވަސީލަތްތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ ފުޓްސަލް އެރީނާގެ އިތުރުން ނެޓްބޯލް ކޮމްޕްލެކްސް ބިންގާ އެޅުމަށް ބޭއްވި ހާއްސަ އިވެންޓްގައެވެ.

"މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ހާއްސަ ދުވަހެއް. ސަބަބަކީ ރާއްޖޭގެ އެންމެ އިންޑޯ ކޮމްޕްލެކްސް އެއް އޮތުމުން، އިތުރު ކޮމްޕްލެކްސްއަކަށް ބޭނުންވެފައި ވާތާ 30 އަހަރުވެ މިވަނީ ވެފައި. މިއަދު މި ބިންގާ އެޅިގެން ދިޔަ ނެޓްބޯލް ކޮމްޕްލެކްސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވާ ފަސް ކޮމްޕްލެކްސްގެ ތެރެއިން އެއް ކޮމްޕްލެކްސް. މި ކޮމްޕްލެކްސްގައި ފަސް ޕިޗެއް ހިމެނޭ. އެއީ ހަތަރު ޕްރެކްޓިސް ޕިޗާއި އެއް ޓޯނަމެންޓް ޕިޗް ހިމެނިގެންދޭ. މި ޓޯނަމެންޓް ޕިޗަކީ މަލްޓި ސްޕޯޓްސް ގޮތަށް ފަރުމާ ކުރެވިގެންދާނެތަނެއް. މިތަނަކީ ރާއްޖޭގައި ރީޖަނަލް ގޭމްސްއެއް ނޫނީ އިންޓަނޭޝަނަލް ގޭމްސްއެއް ބޭއްވިޔަސް، ކުޅިވަރުތައް ބަހާލައިގެން އޭގެ ތެރެއިން ބައެއް ކުޅިވަރުތައް އެލޮކޭޓް ކުރެވޭނެ ތަނަކަށްވާނެ. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭނަށް އެކަށޭނެތަނެއް. ކުރިއަށް އޮތް ހަތް ވަރަކަށް އަހަރު ތެރޭގައި ގޭމްސްއެއް ހޯސްޓް ކުރަން ވިސްނާ އިރު، މިއީ އެކަން ފަހިވުމަށްޓަކައި މުހިއްމު އިމާރާތެއް،" ރާފިއު ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި ވޮލީގެ އިތުރުން ނެޓްބޯޅަ ފަދަ ކުޅިވަރުތަކަށްވެސް އޮތް ހަމައެކަނި އިންޑޯ ވަސީލަތަކީ ސޯޝަލް ސެންޓަރެވެ. އިތުރު އިންޑޯތަކެއް މާލެ ސަރަހައްދުގައި އިމާރާތްކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ އިރު، ހުޅުމާލޭގައި އިންޑޯ ވަސީލަތްތަކެއް ގާއުމުވުން ވެގެންދާނީ ގައުމީ ޓީމުތަކަށްވެސް ފަސޭހައަކަށެވެ.

ރާފިއު ވިދާޅުވީ އިންޑޯ ވަސީލަތްތަކާއެކު އެކިއެކި ޓެސްޓުތައް ހެދުމާއި، މޯޝަން ކެމެރާ ބޭނުންކޮށްގެން އެނަލިސިސް ހެދުން ފަދަ ކަންކަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އިންޑޯ ފެސިލިޓީން ޕްރެކްޓިސް ވަގުތު އިތުރުވެ، އެލީޓް އެތުލީޓުން ބިނާކުރުމަށް އެހީވެދޭނެ ކަމަށެވެ. އެއީ އެލީޓް އެތުލީޓުން ބިނާކުރުމަށް ބޭނުންވާ އަދަދަށް މެޗާއި ތަމްރީނުތައް ލިބުން ފަސޭހަވާނެތީ ކަމަށްވެސް ރާފިއު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އާންމުކޮށް ދިރާސާތަކުން ދައްކާ ގޮތުން އެލީޓް އެތުލީޓެއް އުފެދޭނީ 10 އަހަރު ތެރޭގައި 10،000 ގަޑިއިރު ޕްރެކްޓިސް ލިބިގެން ކަމަށާއި، އެއީ ގާތްގަނޑަކަށް ދުވާލަކު ތިން ގަޑިއިރުގެ ޕްރެކްޓިސް ކަމަށެވެ. އެކަންކަން ހާސިލުވާން ވަސީލަތްތައް މުހިއްމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވީ ކޮމްޕްލެކްސް ގާއިމުކުރުމަށްޓަކައި ވަރަށް ބޮޑެތި ޗެލެންޖުތަކެއް ދިމާވި ކަމަށާއި، ސަބަބަކީ ބޭނުންވާ ޖާގައަށް ނުވަތަ ރިކުއާމެންޓަށް ބިމުގެ ސައިޒު ފިޓުކޮށް ޑިޒައިންކޮށްގެން ކޮންސެޕްޓު ކުރިއަށްގެންދަން ޖެހޭތީ ކަމަށެވެ.

ފުޓްސަލް އެރީނާއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެރީނާ އެޅުމަށް ބޮޑު ޖާގައެއް ބޭނުންވުން ވެގެންދިޔައީ ޗެލެންޖަކަށް ނަމަވެސް ފުޓްސަލްގައި އޮތް މާހައުލަށް ބަލައި، އެއީ މުހިއްމު ކަމެއް ކަމަށް ބަލައިގެން ކުރި މަސައްކަތުން އެޗްޑީސީން ބިން ލިބުން ވެގެންދިޔައީ ބޮޑު އުންމީދަކަށް ކަމަށެވެ.

"މިއަހަރު ކުރީކޮޅު ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ ފަސް ދަނޑުގެ ފުޓްސަލް ކޮމްޕްލެކްސެއް މިއަހަރު ތެރޭގައި ގާއިމުކުރައްވާނެ ކަމަށް. އެގޮތަށް އިއުލާނުކުރެއްވުމަށްފަހު، އެ ކޮމްޕްލެކްސް ގާއިމުކުރުމަށްޓަކައި ބިމެއް ކަނޑައެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިޔައިން. މިވަރުގެ ބިމެއް ގްރޭޓާ މާލޭ އޭރިއާއިން ހޯދުމަކީ ވަރަށް ބޮޑު އަދި އުނދަގޫ ކަމެއް. އެއީ އެހެނިހެން ދާއިރާތަކުންވެސް އޮންނަ ޑިމާންޑް ބޮޑުވުމުން. އެހެން ނަމަވެސް ފުޓްސަލްއަކީ ރާއްޖޭގައި ވަރަށް ފަހަކަށް އައިސް ފުރިހަަމަ ވަނަތަކެއް ހޯދައި، ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަކަށްވުމާއެކު، ފުޓްސަލް މުބާރާތްތައް ރަނގަޅަށް ކުރިއަށް ގެންދެވޭނެ އިމާރާތެއް ހެދުމަށް ނިންމީ. މި ބިމަކީ އެޗްޑީސީއާއި ފިނޭންސް މިނިސްޓްރީ މެދުވެރިވެ ހޯދައިދީފައިވާ ބިމެއް، އެހެންކަމުން އެޗްޑީސީގެ ޓީމަށް ޝުކުރު އަދާކުރަން،" ރާފިއު ފާހަގަކުރެއްވިއެވެ.

ފުޓްސަލް އެރީނާވެސް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވާ އިރު، އެއްބަސްވުން ހަދާފައި ވަނީ ލިއޯ ޓްރޭޑާ އެކުގައެވެ. އެއީ 720 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރާއްޖޭގައި އިންޑޯ ފުޓްސަލް އެރީނާއެއް ނެތުމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، މިހާރު ފުޓްސަލް ކުޅެމުން އަންނަނީ މުޅިންވެސް އައުޓްޑޯ ޕިޗުތަކުގައެވެ. ފުޓްސަލްއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރަށްވެފައިވާ އިރު، ގައުމީ ޓީމަށްވެސް ވަނީ އިންޑޯއެއް ނެތުމުގެ މައްސަލަ ބޮޑުވެފައެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި މިއަހަރު ހޯދާފައިވާ އިރު، ދާދިފަހުން ޗައިނާ މުބާރާތެއްގައިވެސް ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.

ހުޅުމާލޭގައި ހަދާ އެރީނާއަކީ 21 މީޓަރުގެ އުސްމިނަށް ބިނާކުރާ މަލްޓި ލެވެލް އިންޑޯ އެރީނާއެކެވެ. އެރީނާ ވެގެންދާނީ ބައިނަލްއަގުވާމީ ފީފާގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ.