ކޮލިފިކޭޝަނުން ހޯދި ޖާގައެއްގައި އޮލިމްޕިކްސްއަށް ދާ ފުރަތަމަ ދިވެހި އެތުލީޓް، ފާތިމަތު ދީމާ އަލީ ރާއްޖެ އައުމުން އޭނާއަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.
ނަވާރަ ސަތޭކަ އަށްޑިހަ އަށަކުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގެ ސްވިމިންއާއި އެތުލެޓެކްސް އިވެންޓުގައި ދިޔައީ ބައިވެރިވަމުންނެވެ. އެއީ އޮލިމްޕިކް ކައުންސިލްގެ ދައުވަތުގައި ދޭ ސްލޮޓްތަކުގައެވެ. ލަންޑަންގައި 2012ގައި އޮތް އޮލިމްޕިކްސްއަށް މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާންގައި އޮތް 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަގައި ވާދަކުރީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ހޯދި ފުރުސަތުތަކުގައެވެ. އެއީ ކޮލިފިކޭޝަނަށްފަހު، އެ ކޮލިފައިވި ގައުމުތަކުގެ ކުޅުންތެރިންގެ ބޭރުން، އެހެން ގައުމުތަކުގެ އެންމެ ރޭންކިން މަތި ކުޅުންތެރިންނަށް ދޭ ޝެއާޑް ފުރުސަތުތަކެކެވެ.
އެހެންކަމުން ދީމާ ހޯދި ކާމިޔާބީ އެތައް ގޮތަކުން ހާއްސައެވެ. އެ ކާމިޔާބީއާއެކު ދީމާ މިއަދު ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ އިސް ފަރާތްތައްވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.
ދީމާގެ ޝަރަފުގައި މިއަދު ސޯޝަލް ސެންޓަރުގައި ހާއްސަ އިވެންޓެއް ބާއްވާފައިވާ އިރު، އެ އިވެންޓުގައި ކުޅިވަރު އާއިލާގެ އެހެން ބައެއް އެތުލީޓުންނާއި ދީމާއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއަދުގެ އިވެންޓުގައި ވާހަކަދައްކަވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ދީމާގެ ކާމިޔާބީއަކީ އެތައް އަހަރުތަކެއްގެ މަސައްކަތް ކަމަށާއި، ދީމާއަށް ފޯކަސްކޮށް މިނިސްޓްރީ އާއި އެމްއޯސީ އަދި އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
"ކޮންމެ ކަމެއްވެސް ހާސިލުވާނީ ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ރާއްޖޭގެ ސަރުކާރާއި އެމްއޯސީއާވެސް އެކު ދީމާއަށް ފޯކަސްކޮށްގެން މަސައްކަތްކުރާތާ 10 އަހަރު ވެދާނެ މިހާރު. ކްރޮއޭޝިއާއާއި ޗައިނާއާވެސް ގުޅިގެން މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ. އެހެންވީމަ އޭގެ ސަބަބުން ހަގީގާތުގައި މި ކަންތައްތައް ހާސިލު މިވީ،" އައްޔަ މިއަދުގެ އިވެންޓްގައި ވިދާޅުވިއެވެ.
ދީމާ ވަނީ އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ގެނެސްދީއެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެ ކާމިޔާބީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޭނާ ތަކުރާރުވެސް ކުރިއެވެ. އޭގެ އިތުރުން ސަރަހައްދީ މުބާރާތްތަކުންވެސް ދީމާ ވަނީ ރަން މެޑަލް ގެނެސްދީފައެވެ.
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ