އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ 10 މައްސަލައެއްގެ ތެރެއިން 50,370,512.75 (50.3 މިލިއަން) ރުފިޔާ ހޯދަން ތިން ކުންފުންޏަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް 40,475,200.00 ރުފިޔާ ހޯދުމަށް އަންގައިފައިވާނެ ކަމަށެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އަށް 8,481,000.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00 ރުފިޔާ ހޯދުމަށް އަންގައިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

"މީގެ އިތުރުންވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަން ފާހަގަކުރަމެވެ..،" އޭސީސީން ބުންޏެވެ.

ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓާކުރުމަށް 2022 ވަނަ އަހަރު އެކަމަށް ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ. އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން ފައިސާ އަނބުރާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީން ބުންޏެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އޭސީސީއަށް ނޫން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް، ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް އޭސީސީން އަންގަމުންދާ ކަމަށެވެ.