އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ޗެލްސީން ޔޫރަޕްގެ ޖާގައެއްގެ ހަނި އުންމީދެއް ދެމެހެއްޓީ ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ކައިރިން 5-0 އިން މޮޅުވެގެންނެވެ. އަދި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 83 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 35 މެޗުން 82 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާ އިރު، އެ ޓީމަށް 36 މެޗުން ލިބުނީ 78 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް 36 މެޗުން 67 ޕޮއިންޓް ލިބިފައިވާ އިރު، ޓޮޓެންހަމް ފަސް ވަނައިގައި އޮތީ، 35 މެޗުން 60 ޕޮއިންޓާ އެކުގައެވެ.

ހަވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 35 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ހަތް ވަނައިގައި ޗެލްސީ އޮތީ، 35 މެޗުން 54 ޕޮއިންޓެވެ. އަށްވަނައަށް ވެއްޓުނު މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފައެވެ.

ރޭ ފޯމުގައި ކުޅުނު ޗެލްސީން ފުރަތަމަ ހާފުގައިވެސް ތިން ގޯލު ޖެހިއެވެ، ކޯލް ޕާމާގެ އިތުރުން ޗެލްސީގެ ފުރަތަމަ ގޯލުތައް ޖެހީ ކޯނޯ ގަލެގާ އަދި ނޮނީ މަޑުއޭކޭއެވެ. ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނު ޗެލްސީން އެ ހާފުގައި ޖެހި ދެ ގޯލުވެސް ޖެހީ ނިކޮލަސް ޖެކްސަންއެވެ.

ލިވަޕޫލުންވެސް ރޭގެ މެޗު ރަނގަޅަށް ފަށައި، ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އިރު، ފުރަތަމަ ހާފުގައި ލިވަޕޫލްގެ ގޯލުތައް ޖެހީ، މުހައްމަދު ސަލާހާއި އެންޑީ ރޮބަޓްސަންއެވެ. ލިވަޕޫލުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ދެ ގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ އާއި ހާވީ އެލިއަޓެވެ.

މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ޖެހީ ރިޗާލިސަންގެ އިތުރުން ސޮން ހިއުން-މިންއެވެ.