ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޔޫރަޕްގެ ގަދަ ދެބާރު ކަމަށްވާ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް މިރޭ ކުރިމަތިލާނެއެވެ. ފުރަތަމަ ލެގުގެ މެޗު، ބަޔާން މިއުނިކްގެ އަލިއާންޒް އެރީނާގައި މިރޭ އޮންނަ އިރު، ދެ ޓީމުގައިވެސް ތިބީ ތަރިންނެވެ. ރެއާލަށް ސްޕެއިންގެ ޗެމްޕިއަންކަން ގާތްގަނޑަކަށް ޔަގީންވެފައި އޮތް އިރު، އިދިކޮޅަށް ނުކުންނަ ބަޔާނަށް މިއީ ހިތްދަތި ސީޒަނެކެވެ. މިދިޔަ 12 އަހަރު ތެރޭގައި އެޓީމަށް ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ގެއްލި، މިހާރު ހަމައެކަނި ހޯދެން އޮތް ތަށްޓަކީ ޗެމްޕިއަންސް ލީގެވެ. އެހެންކަމުން މިރޭގެ މެޗުގެ ޕްރެޝަރު އެޓީމަށްވެސް ބޮޑެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ފާހަގަ ކުރި އެއް ނަމަކީ ޖޫޑް ބެލިންހަމްގެ ނަމެވެ. އިންގްލެންޑްގެ ތަރި ބެލިންހަމް ވަނީ ރެއާލްގައި އޭނާ ހޭދަކުރުމުންދާ ފުރަތަމަ ސީޒަނުގައި މިހާތަނަށް 21 ގޯލު ޖަހައި، 10 އެސިސްޓް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ގޯލު ޖަހައި، ހަތަރު އެސިސްޓް އޭނާ ފުރިހަމަ ކުރީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައެވެ.

"ބެލިންހަމް ހުއްޓުވާނެ ގޮތެއް ވިސްނަން ޖެހޭ. އެއީ ހައްލު ހޯދަން ޖެހޭނެ ކަމެއް. ރެއާލަށް ކުޅޭ ކޮންމެ ކުޅުންތެރިޔަކުވެސް ކުޅޭނީ ޕްރެޝަރާއެކު. އެއީ ރެއާލް ޖާޒީގެ ސަބަބުން އަންނަ ޕްރެޝަރެއް. ބެލިންހަމްއަށް އެ ޕްރެޝަރުގެ އިތުރުން މީހުންގެ އުންމީދުތަކާވެސް ކުރިމަތިލާން ޖެހުނު. އެހެންނަމަވެސް، އޭނާ ކުޅެމުންދަނީ ތަފާތު ފޯމެއްގައި. ބޮޑު ކްލަބެއްގެ ބޮޑު ޕްރެޝަރެއް ބެލިންހަމް ހެންޑަލް ކުރަނީ ތަފާތު ގޮތަކަށް،" ކުރިން ޖަރުމަނު ލީގުގެ ޑޯޓުމަންޑަށްވެސް ކޯޗުކަން ކޮށްދިން ޓުޗެލް ބުންޏެވެ.

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބަޔާނާ ކުރިމަތިލާން ޖެހިފައިވާ އިރު، ކޯޗު ކާލޯ އެންޗެލޮޓީގެ ނަޒަރުގައި ބަޔާނަކީ ސްޓައިލެއް ނެތް، އުނދަގޫ ޓީމެކެވެ.

"އަހަރެމެން ދެ ޓީމަކީވެސް ވަކި ސްޓައިލެއް ނެތި، ތަފާތު އެކި ސްޓައިލްތަކުގައި ކުޅޭ ދެ ޓީމު. ބަޔާންގެ ކޮލިޓީއަށް ވިސްނަން ޖެހޭ. އެޓީމަކީވެސް ޑިފެންސުން އެޓޭކަށް އަވަސްކޮށް ބަދަލުކުރާ ވަރުގަދަ ޓީމެއް. ބަޔާނަކީ ކުޅުމުގެ ތެރެއިން ސްޓައިލް ބަދަލުކުރާ ނުރައްކާތެރި ޓީމެއް. މިއީ އަދި ފުރަތަމަ ލެގު ވިޔަސް، ވިސްނަން ޖެހޭނީ 180 މިނެޓްގެ ދެ މެޗެއްގައިވެސް ފޯކަސް ބަހައްޓަން ޖެހިދާނެ ކަމަށް. އެހެންވީމަ މެޗު އުނދަގޫވާނެ،" އެންޗެލޮޓީ ބުންޏެވެ.

ބަޔާނާއި ރެއާލް ވާދަކުރާ ސެމީ ފައިނަލް ފުރަތަމަ ލެގު އޮންނާނީ މިރޭ މެންދަމު 12 ޖަހާއިރުއެވެ.