ފްރާންސް ލީގުގެ ދެވަނައިގައި އޮތް މޮނާކޯއިން ލީގުގައި ރޭ ކުޅުނު މެޗުގައި ލިޔޯން ކައިރިން ބަލިވުމާއެކު، އެއްވަނައިގައި އޮތް ޕީއެސްޖީއަށް ލީގު ތަށި ޔަގީން ވެއްޖެއެވެ.
މިހަފުތާގައި ޕީއެސްޖީން ކުޅުނު މެޗުން މޮޅުވެގެންވެސް އެޓީމަށް ތަށި ޔަގީން ކުރެވެން އޮތް ނަމަވެސް، ލެ ހާވިއޭއާ ދެކޮޅަށް ކުޅުނު މެޗުންވީ އެއްވަރެވެ. އެއީ 3-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން އެއްވަރުވުމާއެކު ތަށި ޔަގީންކުރަން ޕީއެސްޖީއަށް ޖެހުނީ މޮނާކޯ މެޗަށް މަޑުކޮށްލަން، ނޫނީ އަނެން ހަފުތާ މޮޅެއް ހޯދާށެވެ. ރޭ މޮނާކޯއިން ކުޅުނު މެޗުގައި 3-2 އިން ލިޔޯން ކައިރިންވީ ބައްޔެވެ.
އެހިސާބުން ޕީއެސްޖީއަށް ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީގެއް ލިބިފައިވާ އިރު، ދެން މޮނާކޯއާއި ޕީއެސްޖީއަށްވެސް ލީގުގައި ބާކީ އޮތީ އެންމެ ތިން މެޗެވެ. އެ ތިން މެޗުން މޮނާކޯއަށް ޕީއެސްޖީ އަތުނުވާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
މިއީ ޕީއެސްޖީގެ ތާރީހުގައި 12 ވަނަ ލީގު ތަށްޓެވެ. މިދިޔަ 11 އަހަރު ތެރޭގައި ޕީއެސްޖީން 10 ފަހަރަށް ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިއީ ޕީއެސްޖީއަށް ތާރީހުގައިވެސް އެންމެ ކާމިޔާބު ދުވަސްކޮޅެވެ. ގަތަރުގެ ސަރުކާރުން ހިންގަމުންދާ ޕީއެސްޖީން ޔޫރަޕްގެ ތަށްޓަށްވެސް މަސައްކަތް ކުރަމުންދާ އިރު، ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ގެންގޮސް، ޕީއެސްޖީ ވެފައި ވަނީ ފުޓުބޯޅައިގެ ގަދަ ބާރަކަށެވެ.
ލުއިސް އެންރީކޭއާއެކު މި ސީޒަނުގައި ޕީއެސްޖީއަށް ދެން އޮތީ ޗެމްޕިއަންސް ލީގަށް ފޯކަސް ކުރުމެވެ. ޔޫރަޕްގެ ތަށްޓެއް މިހާތަނަށް ޕީއެސްޖީއަށް ލިބިފައިނުވާ އިރު، މިފަހަރު މިހާރު އޮތީ ސެމީ ފައިނަލްގައެވެ. ބާސެލޯނާ ކަޓުވާލައި ސެމީއަށް ދިޔަ ޕީއެސްޖީން، ސެމީގައި ނުކުންނާނީ ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ