ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމުން އިއްޔެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ބައްދަލުކޮށްފިއެވެ.

ފީފާގެ އޮފިޝަލަކާއި އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމެއް ހޯމަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ ފުޓްބޯޅައިގެ ހާލަތު ދެނެގަނެ، އެފްއޭއެމްގެ އިދާރީ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

އެފްއޭއެމްގެ އިންތިހާބު، މިދިޔަ ތިން މަހު ތެރޭގައި ދެ ފަހަރު ބާއްވަން އުޅެގެންވެސް އެކަން ހުއްޓުވީ ފީފާ އާއި އޭއެފްސީގެ އެންގުމަށެވެ. އެއީ އިންތިހާބުގެ އިޖުރާއަތްތަކުގެ މައްސަލަތަކުގެ އިތުރުން އިންތިހާބަށް އެފްއޭއެމްގެ މިހާރުގެ ވެރިން ނުފޫޒު ފޯރުވައި ގިނަ މައްސަލަތަކެއްވެސް ކުރިމަތިވުމާ އެކުގައެވެ. އޭގެ އިތުރުން އެފްއޭއެމްގެ ތެރޭގައި މި ވަގުތު ގިނަ މައްސަލަތަކެއް އޮތް އިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަ ވެސް ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

ފުޓުބޯޅައިގެ ހާލަތަށް ހައްލެއް ހޯދަން ފީފާ އާއި އޭއެފްސީން މަސައްކަތް ކުރަމުންދާ އިރު، އިއްޔެ އެމްއޯސީއާ ބައްދަލުކޮށް، އޭގެ ކުރިން ވަނީ އެންމެފަހުން އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިނުވެވުނު ކްލަބުތަކާވެސް ބައްދަލުކޮށްފައެވެ.

ފީފާ އާއި އޭއެފްސީގެ ޓީމުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފުޓްބޯޅައިގެ މިހާރުގެ ހާލަތާ މެދު ވާހަކަތައް ދެކެވި، ކުރިއެރުމަށް މުހިންމު ދާއިރާތައް ދެނެގަނެ، ކުރިއެރުމަށް ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުމަށް މަޝްވަރާ ކޮށްފައިވެއެވެ. އިއްޔެގެ ބައްދަލުވުމުގައި އެމްއޯސީން ބައިވެރިވީ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ނައިބު ރައީސް އަހުމަދު އިސްމާއީލާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުގެ އިތުރުން ފިނޭންސް ޑިރެކްޓަރު އިބްރާހިމް އަޒޫރެވެ.

އެމްއޯސީން ބުނީ އިއްޔެގެ ބައްދަލުވުމުގެ ސަބަބުން ދެ ފަރާތް ގުޅިގެން ނިންމުންތައް ނިންމުމަށް ފަހި މާހައުލެއް އުފެދި، ޖުމުލަކޮށް ރާއްޖޭގެ ފުޓުބޯޅައަށް ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފީފާ އާއި އޭއެފްސީގެ ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި އެފްއޭއެމްގެ ވެރިންނާވެސް ބައްދަލުކޮށްފައިވެއެވެ.