ޖަޕާނުގެ އައިޗީއާއި ނަގޯޔާގައި ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، 20 ވަނަ އޭޝިއަން ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުންނަށް އަންނަ އަހަރު އޮންނަ ބޮޑު ދެ ގޭމްސްއަށް ތައްޔާރުވާން ލިިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ފާހަގަ ކޮށްފިއެވެ.
މިފަހަރު އޭޝިއަން ގޭމްސްގައި ރާއްޖޭގެ 42 އެތުލީޓުން، ހަތް ކުޅިވަރެއްގައި ވާދަކުރިއެވެ. ދިވެހި އެތުލީޓުން ވަނީ ރަނގަޅު ފެންވަރުގައި ބައެއް ކުޅިވަރުތަކުން ވާދަކޮށްފައެވެ. އޭގެ ތެރޭގައި ޒުވާން އެތުލީޓުންވެސް ފާހަގަވިއެވެ. ރާއްޖޭން ވާދަކުރީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ.
"ޖުމުލަ ގޮތެއްގައި އަޅުގަނޑުމެންގެ ޕާފޯމަންސް ގޯހެއް ނޫން. އެއީ ވަރަށް ގިނަ ޕާސަނަލް ބެސްޓްތަކާއި ގައުމީ ރެކޯޑުތައްވެސް ހެދި. އޭގެ އިތުރުން ސާފިންގައި ޔަސީން ވަރަށް ރަނގަޅު ޕާފޯމަންސެއް ދެއްކި. އޭނާއަކީ ވަރަށް ޒުވާން އެތުލީޓެއް. އޭގެ އިތުރުން ޔާސިންއަކީ މުޅި ސާފިން އިވެންޓްގެވެސް އެންމެ ހަގު ބައިވެރިޔާ. އެއީ ހަމަ ވަރަށް ރަނގަޅު ޕާފޯމަންސެއް،" އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވިއެވެ.
މިފަހަރު އޭޝިއަން ގޭމްސްގައި ޖަޕާނުގެ އޮގަނައިޒަރުން އުންމީދު ކުރި ވަރަށްވުރެ މާގިނަ އެތުލީޓުން ބައިވެރިވެފައިވުމާއެކު ބައެއް ގައުމުތަކަށް ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ މައްސަލަތައް ދިމާވިއެވެ. އެހެން ނަމަވެސް ރާއްޖެއަށް އެ މައްސަލަތައް ދިމާވެފައި ނުވާކަން ސައްތާރު ފާހަގަކުރެއްވިއެވެ. ސައްތާރު ވިދާޅުވީ އެކަން ދިމާ ނުވީ، ރާއްޖޭން ކުރިއާލައި ތައްޔާރީތަކަށް ކުރި މަސައްކަތުން ކަމަށެވެ.
"މިހާރު ތައްޔާރުވަމުން މިދަނީ އަންނަ އަހަރު އޮތް އައިއޯއައިޖީ އަށާއި ސާފް ގޭމްސްއަށް. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަންކަން ރަނގަޅުކުރަން. މިއީ ކޮން ކަމެއްތޯ ރަނގަޅުކުރެވޭނީ ބަލަން ވަރަށް ރަނގަޅު ވަގުތެއް. އެހެންވީމަ މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ހުރިހާ ކުޅިވަރަކަށްވެސް،" ސައްތާރު އެމްއޯސީ މީޑިއާ ޓީމަށް ވިދާޅުވެފައިވެއެވެ.
އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުވެސް ވަނީ ސައްތާރު ފާހަގަކުރެއްވިހެން، އޭޝިއަން ގޭމްސްގެ ތަޖުރިބާގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ. ތަމޫހު ފާހަގަކުރެއްވީ އޭޝިއާގެ އެންމެ ވަރުގަދަ އެތުލީޓުންނާ ވާދަކުރުމަކީ ރާއްޖޭގެ އެތުލީޓުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، ނަތީޖާތަކާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ގައުމުތަކުން އޮލިމްޕިކްސްއަށް ޓާގެޓް ހުރީމަ، ޓޮޕް އެތުލީޓުން މި ގޭމްސްއަށް މިއައީ. އެހެންވީމަ ހުރިހާ އިވެންޓެއްވެސް މިދިޔައީ ވަރަށް ވާދަވެރިކޮށް. އޯވަރޯލްކޮށް ރާއްޖޭގެ ކުޅުންތެރިން ދެއްކި ވާދަވެރިކަން އެއީ ވަރަށް ރަނގަޅުކަމެއް،" ތަމޫހު ވިދާޅުވިއެވެ.
ތަމޫހު ވިދާޅުވީ ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްއަށް ދިޔައީ ޖުމުލަކޮށް ޒުވާން އެތުލީޓުންތަކެއް ކަމަށްވުމާއެކު އަންނަ އަހަރު އޮތް ގޭމްސްތަކަށް އެކަމުން ފައިދާ ކުރާނެ ކަމަށެވެ.
"މި އަންނަ އަހަރަކީ ރާއްޖޭން ބައިވެރިވާ އެންމެ ބޮޑު ދެ ގޭމްސް އޮތް އަހަރު. ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު އޭޕްރީލް މަހު ޕާކިސްތާނުގައި އަދި އޮގަސްޓްގައި މިއޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް. އެއަށްފަހު ކޮމަންވެލްތު ޔޫތު ޗެމްޕިއަންޝިޕް މާލްޓާގައި އެބައޮތް. ދެން ޑިސެމްބަރު މަހު ސައުތު އީސްޓް އޭޝިއަން ޔޫތު ގޭމްސް މިއޮންނަނީ. އެހެންވީމަ ޔޫތުންނަށް ދެ ގޭމްސްއާއެކު ސީނިއާ ސްކޮޑުތަކަށްވެސް މިއޮތީ ދެ ގޭމްސް. އެހެންވީމަ އޭޝިއަން ގޭމްސްއަކީ ރަނގަޅު ސްޓެޕިން ސްޓޯންއެއް،" ތަމޫހު އެމްއޯސީ މީޑިއާ ޓީމަށް ފާހަގަކުރެއްވިއެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް