އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ހުރިހާ ކަމެއް ފުރިހަމަޔަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 އެކެވެ. ރާއްޖޭން މިފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނޭނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.

ތަމޫހު ވިދާޅުވީ ގޭމްސްގެ އޮގަނައިޒިންގައި ބައެއް ޗެލެންޖްތައް ހުރި ކަމަށް މީޑިއާތަކުގައި އޮތް ނަމަވެސް، ރާއްޖޭގެ އެއްވެސް އެތުލީޓެއް އަދި އޮފިޝަލަކަށް ވެސް މިހާތަނަށް ކަންކަން ހަމަ ނުޖެހިގެން އެކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"ގޭމްސްއަށް ބަލާއިރު، އެންމެ ފުރަތަމަ ފެށިއިރު އޮތީ 15،000 އެތުލީޓުންނަށް ހުޅުވާލާފައި، އެކަމަކު މިހާރު އެ އަދަދު ވަނީ 17،000 އަށް އިތުރުވެގެން ގޮސްފައި. އެއްވެސް ކަމެއް އުޅެންޏާ ނަގޯޔާއިން އަޅުގަނޑުމެނަށް ބަރާބަރަށް މައުލޫމާތު ދޭ. އަދި މިހާތަނަށް އައި އެއްވެސް އީމެއިލެއްގައި އެއްވެސް ކަމެއް ދަތިވެގެން އުޅޭ ކަމަކަށް ފާހަގަކޮށްފައެއް ނުވޭ. ރާއްޖޭގެ ހުރިހާ އެތުލީޓުންގެ އަދި އޮފިޝަލުންގެވެސް އެކޮމޮޑޭޝަން ވަނީ ފުރިހަމައަށް ހަމަޖެހިފައި. ބައެއް ގައުމުތަކުން ދާ ޓެކްނިކަލް ޑެލިގޭޝަނަށް އޮކޮމޮޑޭޝަން ހަމަނުޖެހި އޮތް ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އެބަހުރި. އެކަމަކު ރާއްޖޭން ދާ ޓެކްނިކަލް ޑެލިގޭޝަނުންވެސް އެއްވެސްކަމެއް ދަތިވި ވާހަކައެއް ހިއްސާކޮށްފައެއް ނުވޭ،" އޭޝިއަން ގޭމްސްގެ އިތުރުން ޔޫތު އޮލިމްޕިކްސްގެ ފްލެގް ބެއަރާސް އިއުލާނުކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި އިވެންޓްގައި ތަމޫހު ވިދާޅުވިއެވެ.

މިފަހަރުގެ އޭޝިއަން ގޭމްސް ބާއްވަން ނިންމާފައި ވަނީ ޖަޕާނުގެ އައިޗީ- ނަގޯޔާގައެވެ. ޖުލައި މަހާ ހަމައަށް ބައިވެރިވުމަށް ހުޅުވާލާފައި އޮތް ފުރުސަތުގައި ގައުމުތަކުގެ ބައިވެރިންގެ އަދަދު 17،000 އިން މައްޗަށް އަރާފައިވާ އިރު، ޖަޕާނުން ގޭމްސް އޮގަނައިޒް ކުރާ ފަރާތްތަކުން ބުނެފައި ވަނީ ބައިވެރިންގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ އިތުރުވެފައި ވަނީ ފަހުން ޕެޑަލްއާއި ޓެގްބޯލް ފަދަ ކުޅިވަރުތައް ގޭމްސްއަށް އިތުރުކުުރުމާ އެކުގައި ކަމަށެވެ.

އެންމެންނަށް އެކޮމޮޑޭޝަން ހަމަޖައްސަން ފުރަތަމަ އުނދަގޫތަކެއް ހުރި ކަމަށް އޮގަނައިޒިން ޓީމުން ބުނެފައިވާ ނަމަވެސް، އެކަމަށް މިހާރު ގޭމްސް އޮގަނައިޒިން ކޮމިޓީއާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އެކުވެގެން ހައްލު ގެނެސްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެގޮތުން އެކޮމޮޑޭޝަނަށް ކްރޫސް ޝިޕެއްވެސް ދަނީ ބޭނުންކުރަމުންނެވެ.

ތަމޫހު އިތުރަށް ވިދާޅުވީ އޮލިމްޕިކް ކޮމިޓީން އެއްވެސް އިރެއްގައި ވަކި ޓާގެޓްތަކެއް ކަނޑަނާޅާނެ ކަމަށާއި، ޓާގެޓް ކަނޑައަޅާނީ އެތުލީޓުން ކަމަށެވެ. އެކަމުގައި ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި އެސޯސިއޭޝަންތަކާ ގުޅިގެން އޮލިމްޕިކް ކޮމިޓީން މަސައްކަތް ކުރާނެ ކަމަށް ތަމޫހު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ސާފިން އެތުލީޓުން ކޮލިފިކޭޝަން ޔަގީންކޮށްގެން މިފަހަރު ގޭމްސްއަށް ދިޔުން އެއީ ލިބޭ ބޮޑު ޝަރަފެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތަމޫހު އިތުރަށް ފާހަގަކުރެއްވީ ކޮންޓިންޖެންޓްގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވީ، ގިނަ ކުޅިވަރުތަކުގައި މިހާރު ވާދަކުރެވެނީވެސް ވަކި ކޮލިފިކޭޝަން ކްރައިޓީރިއާއެއް ފުރިހަމަ ކޮށްގެން ކަމަށްވާތީ ކަމަށެވެ. ތަމޫހު ފާހަގަކުރެއްވީ ގޭމްސްގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެމްއޯސީން އެކަނި ކުރާ މަސައްކަތެއް ނޫން ކަމަށާއި، އެކަންކަމުގައި ކުޅިވަރު ވުޒާރާގެ އެކިއެކި ފަރާތްތަކާއި މިނިސްޓަރު އަބްދުﷲ ރާފިއު ވެދެެއްވާ އެހީތެރިކަމާއި، އެސޯސިއޭޝަނުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެމްއޯސީގެ މުވައްޒަފުން ކޮންމެ ގޭމްސްއަކަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.