މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިހާބެވެ. އަދި މިއީ މިހާތަނަށް މަލްޓި ޕާޓީ ސިސްޓަމް ވުޖޫދުވިފަހުން އެންމެ ގިނަ ޕާޓީތަކުން ވާދަ ކުރާވެސް އިންތިހާބެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި މިހާރުވެސް މަޖިލިސް މެމްބަރުކަން ކުރައްވާ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވައެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާ ހިމެނޭ އިރު، މިފަހަރުގެ މަޖިލީހަށް އަލަށް އިތުރުވާ ހަ ދާއިރާއެއް ހިމެނެއެވެ. އެއީ ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)، ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)، ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާ އިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓައެވެ. އަދި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން، އިންތިހާބަށް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. ވޯޓު ލުން ފެށޭނީ މިއަދު ހެނދުނު 8:00 ޖަހާއިރެވެ. ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 5:30 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު