އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 25 ޑިސެންބަރު 2022 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، ދައުލަތުން އިއްވި، މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެގޮތުން އެންމެ ފުރަތަމަ ބާތިލްކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި އެމަނިކުފާނަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. އެ ހުކުމް ބާތިލްކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔުގައި ވިދާޅުވީ ކުރިމިނަލް ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ގާނޫނާހިލާފަށް ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި އެ ހެކިތައް ޝަރީއަތަށް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއް ކަމަށް ވާއިރު، އެ މައްސަލައިގައި ދަށު ކޯޓުން އެކަންކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ނުކޮށް ކަމަށްވެސް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި އެ ހެކިތައް ޝަރީއަތުން ގަބޫލު ކުރި އިރު، އެ ހެކިތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ޔާމީނަށް ދީފައިނުވާ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ. ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ދެކިފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެ ރައުޔަށް ދެންތިބި ދެ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ، ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާ ކަމަށެވެ.