ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަޓުވާލައި، ރެއާލް މެޑްރިޑުން ސެމީ ފައިނަލް ޔަގީންކުރި އިރު، ބަޔާން މިއުނިކުންވެސް އާސެނަލް ބަލިކޮށް ސެމީ ޔަގީންކޮށްފިއެވެ.
ރޭގެ ދެ މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާއިރު، ސިޓީން އަމިއްލަ ދަނޑުގައި ޕެނަލްޓީ ޖަހައިގެން ރެއާލް ކައިރިން ބަލިވީ 4-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު 1-1 އިން އެއްވަރުވެ، އިތުރު ވަގުތަށް ކުޅެގެންވެސް ނަތީޖާ ނެރެވިފައިނުވާ އިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވީ 4-4ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ރެކޯޑު 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ރޭގެ ކުއާޓާ ދެވަނަ ލެގު ރަނގަޅަށް ފަށާފައިވާއިރު، އެ ޓީމުން ވަނީ 12 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ހަލުވި އެޓޭކެއްގައި އެ ގޯލު ޖަހައި ދިނީ ރޮޑްރީގޯއެވެ. އެ ގޯލާއެކު ރެއާލުން ލީޑު ނެގި ނަމަވެސް، މެޗުގެ ބާކީ ބައި އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރީ ސިޓީންނެވެ.
ފުރަތަމަ ހާފުގައި އާލިން ހާލަންޑްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފަށް ނުކުމެވެސް ސިޓީން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއަކަށް މަސައްކަތް ކުރަމުންނެވެ. ރެއާލްގެ ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ފައިބާ، ކައުންޓާއަށް ވިސްނައިގެން ކުޅެމުން ދިޔުންވީ ސިޓީއަށް ގޯލެއް ޖަހަން އުނދަގޫވި ސަބަބަކަށެވެ. ސިޓީން ބަދަލުތަކާއެކު ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 14 މިނެޓް ހުއްޓައެވެ.
އޭރިއާ ތެރެއިން އެންޓޯނިއޯ ރުޑިގާ ފައިގައި ޖެހި މަޑުވި ބޯޅައެއްގައި ކެވިން ޑި ބްރޭނާ ޖެހި ބޯޅަ އަމާޒުކޮށްލީ މަތީ ދާގަނޑަށެވެ. އޭގެފަހުންވެސް ޑި ބްރޭނާއަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ސިޓީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ މަޓެއޯ ކޮވަސިޗާއި، ބަނާޑޯ ސިލްވާ ޖެހި ޕެނަލްޓީއެވެ. އެ ދެ ޕެނަލްޓީވެސް މަތަކުރީ ރެއާލްގެ ޔުކްރެއިން ގޯލްކީޕަރު އަންދްރީ ލުނިންއެވެ.
ރެއާލް ޖެހި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ލޫކާ މޮޑްރިޗް ޖެހި ޕެނަލްޓީ އެކަންޏެވެ.
ރެއާލުން ސެމީގައި ނުކުންނާނީ ބަޔާނާ ދެކޮޅަށެވެ. ބަޔާނުން ރޭ 1-0 އިން އަމިއްލަ ދަނޑުގައި އާސެނަލް ބަލިކުރި އިރު، އެ ޓައި ބަޔާނުން ކާމިޔާބުކުރީ 3-2ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ބަޔާނުން ނުކުތީ އަނިޔާގައި ތިބި ސާޖް ނަބެރީއާއި ކިންގްލޭ ކޯމަންވެސް ނުލައެވެ. ބަޔާނަށް ޑޮމެސްޓިން މުބާރާތްތަކުން މި ސީޒަނުގައި މާޔޫސްކަން ކުރިމަތިވެފައިވާ އިރު، ރޭގެ މެޗުގެ ކުރީކޮޅުގައި އާސެނަލުން ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. ގެބްރިއަލް މާޓިނެލީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ޖަމާލް މުސިއާލާ ޖެހި ބޯޅަ މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއެވެ.
ދެވަނަ ހާފަށް ނުކުމެ ބަޔާނުން ކުޅުން ރަނގަޅުކުރިއެވެ. ލެއޯން ގޮރެޓްޒްކާ ބޮލުން ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވި އިރު، ރަފޭލް ގޮރޭރޯ އަތުންވެސް ފުރުސަތެއް ބޭކާރުވިއެވެ. މެޗުގެ ހަމައެކަނި ގޯލު، 63 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަކީ ގޮރޭރާގެ ހުރަހަކުން ޖޯޝުއާ ކިމިކް ބޮލުން ޖެހި ގޯލެކެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު