ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ބާސެލޯނާ ބަލިކޮށް، ޕީއެސްޖީ އިން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ.
ރޭ ބާސާ ދަނޑުގައި ޕީއެސްޖީ އިން ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލީ ބާސާ 4-1 އިން ބަލިކޮށްގެންނެވެ. ފުރަތަމަ ލެގުގައި ބާސާ އިން ޕީއެސްޖީ ދަނޑުގައި 3-2 އިން މޮޅުވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި ބާސާއަށް ކުރިމަތިވީ އުނދަގޫ ހާލަތެކެވެ. މިއީ 2021 ވަނަ އަހަރަށްފަހު ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުތް ފުރަތަމަ ފަހަރެވެ. އަދި މިއީ ފުރަތަމަ ލެގުގައި ބަލިވެފައި އޮވެ، ޕީއެސްޖީން ނަތީޖާ އަނބުރާލިވެސް ފުރަތަމަ ފަހަރެވެ.
ޑްރާމާ ބޮޑުކޮށް ފެނުނު ރޭގެ ކުއާޓާ ދެވަނަ ލެގު ބާސާ އިން ރަނގަޅަަށް ފަށައި ލީޑުވެސް ނެގިއެވެ. އުމުރުން 16 އަހަރުގެ ލެމީން ޔަމާލް އަރިމަތިން ދެމިގަނެ، ހުރަސްކޮށްދިން ބޯޅައިގައި ބާސާއަށް ގޯލު ޖަހައި ދިނީ ރަފީނިއާއެވެ. އެ ގޯލާއެކު ބާސާ އިން ރަނގަޅަށް މެޗު ފެށި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އެ ޓީމަށް ނަތީޖާ ނެރެން އުނދަގޫ ހާލަތަށް މެޗު ވެއްޓުނެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ރޮނާލްޑް އަރައޫހޯ، އޭރިއާ ބޭރުން ޕީއެސްޖީގެ ބްރެޑްލީ ބާކޯލާއަށް ކުރި ފައުލަށް ރެފްރީ ރަތް ކާޑު ދެއްކިއެވެ. އެ ރަތް ކާޑު ރެފްރީ ދެއްކީ ގޯލު ޖެހުމަށް ބްރެޑްލީއަށް ހުސް ފުރުސަތެއް އަރައޫހޯ ހުއްޓުވި ކަމަށް ބަލައިގެންނެވެ. އެ ނިންމުމަށް ވަރަށް ބޮޑަށް ބާސާ އިން ޝަކުވާ ކުރި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީން ވަނީ ރަތް ކާޑު ރަނގަޅު ކަމަށް ނިންމައިފައެވެ.
އެ ނިންމުމާއެކު މެޗުގެ އޮއިވަރު ބަދަލުވެ، ޕީއެސްޖީ އިން ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ އުސްމާން ޑެމްބޭލޭއެވެ.
މެޗުގެ ލީޑު ނަގައި ޕީއެސްޖީން އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ވިޓީނިއާގެ ގޯލުން ޕީއެސްޖީ އިން އެގްރިގޭޓް 4-4 އިން އެއްވަރު ކޮށްފައި އޮއްވައި އެ ޓީމުން ޓައި އަނބުރާލީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޕީއެސްޖީއަށް ޕެނަލްޓީ ލިބުނީ ޑެމްބޭލޭއަށް ޖާއޯ ކާންސެލޯ ކުރި ފައުލަކުންނެވެ. އެ ޕަނަލްޓީ ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ.
ޕެނަލްޓީއަށް ޝަކުވާ ކުރުމުގެ ތެރެއިން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްއަށް ރަތް ކާޑު ދެއްކި އިރު، ޕީއެސްޖީ އިން ސެމީ ޔަގީންކުރީ 89 ވަނަ މިނެޓުގައި ޖެހި ގޯލާވެސް އެކުގައެވެ.
ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ސެމީގައި ނުކުންނަން ޖެހޭނީ ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު