ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ އެމްޑީޕީން ނެރުނީ ދޮގު ބަޔާނެއް ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރެއް ނުދައްކާވެ ކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ސަރުކާރު މުވައްޒަފުން އެ މީހުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުން ވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.
އެމްޑީޕީގެ އެ ވާހަކަތައް ދޮގުކޮށް ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއް ނަމަވެސް، މި ސަރުކާރަކީ އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫން ކަމަށެވެ.
"ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ ސަރުކާރު ކޯލިޝަނުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމާއި ބައިވެރިވުމުގެ ފުރުސަތުދީގެން ކުރިއަށް ދިއުމެވެ" ޕީއެންސީން ބުންޏެވެ.
މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ އެމްޑީޕީން ނޫސްބަޔާނެއް ނެރުނީ . ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ވަޒީފާގެ ބިރު ދައްކައިގެން ޅ. ހިންނަވަރު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނަށް ވޯޓުދޭން މަޖުބޫރު ކުރުވަން ގޮވައިލި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.
ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި ޕީއެންސީގެ މެންބަރަކު ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކަށް ގުޅައިގެން، ސަރުކާރު ކެނޑިޑޭޓަށް އެއްބާރުލުން ދޭންޖެހޭނެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަށް ސަރުކާރު ކެނޑިޑޭޓާ ނުގުޅިއްޖެނަމަ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.
އެގޮތުން ރައީސް މުއިއްޒުއަށް ދަންނަވައިގެން، ފެލިވަރުގައި މަސައްކަތްކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ކެނޑިޑޭޓަށް ދީގެން، އެ ފަރާތް ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައި ދިނުމަށް، އެ ޖަލްސާގައި އިންނެވި ފިޝާރީޒް މިނިސްޓަރު އަރިހުން އެދޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެހެން ނޫނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން ޕީއެންސީއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު