ލ. ގަމުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، މެންޓަލް މެޑިކަލް ޓޫރިޒަމާ އެކު މެންޓަލް ހޮސްޕިޓަލެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރާއްޖޭގައި ޓާޝިއަރީ ފެންވަރަށް ހަތަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ހޮސްޕިޓަލްތައް ތަރައްގީ ކުރާނީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.

އެގޮތުން ގަމު ހޮސްޕިޓަލަކީ ސަރުކާރުން އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއް ހޮސްޕިޓަލް ކަމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޓާޝިއަރީ ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލު ކުރުމުގެ ހުރިހާ ކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތް ފެށިފައި މިވަނީ އެ ފެންވަރަށް މިތަން ތަރައްގީވެގެން ދިއުމަކީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ގޮތް،" ރައީސް ވިދާޅުވިއެވެ.

"ހަމަ އެއާ އެކީގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ގާއިމު ކުރަން ވައުދުވިން ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅާ ނުލެވުމުގެ ސަބަބުން ޒުވާނުން ހާއްސަކޮށް ހަލާކުވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން އަޅުގަނޑުމެންގެ ވިސްނުމަކީ އެއާއެކު ތަރައްގީކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ގަމުގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި އަދި ރަސްމީކޮށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެކަންކަން މިހާރު ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށްޓަކައި މަސައްކަތްތައް އެކި މަރުހަލާފައި ފެށިގެން ގޮސްފައިވާ ކަމަށާއި ގަމު ތަރައްގީ ކުރުމުގައި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި ގަމުގެ ރައްޔިތުން އުންމީދުކުރާ ގޮތަށް ކަންކަން ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަންކަން މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ފެށިފައިވާ ހައުސިން މަޝްރޫއަކުން ނުވާނެ 100 ހައުސިން ޔުނިޓަކުން ނުވަތަ 100 ގެއަކީ އެއްވެސް ވަރަކަށް ފުދޭ މިންވަރެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށްޓަކައި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގަމުގައި ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށާއި އެގޮތުން މުޅި ރާއްޖޭގައި ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާނީ ގަމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.